މޮސްކޯ (04 ޖުލައި) - ރަޝިއާއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ރަޝިއާގެ އަވަށެއް ކަމަށްވާ ބެލްގޮރޮޑްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި ތިން މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ސަރަހައްދުގެ ގަވަރްނަރު ޔަޗެސްލަވް ގްލަޑްކޮވް ވިދާޅުވީ ޔޫކްރެއިން ބޯޑަރާ 40 ކިލޯމީޓަރު ދުރުން އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި އެއަ ގޮވުމަށް ވުރެ ގިނަ ގޮވުންތައް ގޮވާފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި 11 އެޕާޓްމަންޓް އިމާރާތަކާއި 39 ގެއަކަށް ގެއްލުން ވެފައިވާއިރު ފަސް އިމާރާތެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ގްލަޑްކޮވް ވިދާޅުވި އެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެމްބަރަކު ވަނީ މި ގޮވުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ޔޫކްރެއިންއިން ކަމަށް ބުނެ އެގައުމަށް ތުހުމަތު ކޮށްފަ އެވެ.

"މި ހަމަލާގައި ލިބުނު ގެއްލުންތަކަކީ ޔޫކްރެއިންގެ ރޭވުމުގެ ދަށުން ދީފައިވާ ގެއްލުން ތަކެއް،" އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އިނގިލި ދިއްކުރަމުން ދިޔަ ނަމަވެސް މިފަހުން ބެލްގޮރޮޑްގައި ހިނގި އެއްވެސް ގޮވުމެއްގެ ޒިންމާ ޔޫކްރެއިންއިން ނަގާފައެއް ނުވެ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިން އަށް އަރައި ކުރަން ފެށި ހަނގުރާމައިގައި މިހާތަަނަށް ޔޫކްރެއިންގެ އެތައްހާސް ބަޔަަކު މަރުވެ ގިނަ އާބާދުތަކެއް ވަނީ ބިމާހަމަވެފަ އެވެ.