ދައުލަތުގެ އާމްދަނީ އިތުރު ކުރަން ރައްޔިތުންގެ އަތުން ނަގާ ޓެކްސް 8 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުން ނިންމައިފި އެވެ. މިކަން ހާމަކޮށްފައިވަނީ މާލީ ވަޒީރު އިބްރާހީމް އަމީރު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ސަބްސިޑީތައް ރީފޯމްކޮށް، އިތުރު ޕްރޮޖެކްޓްތައް ހިންގުން މަޑު ޖައްސާލާފައިވާކަމަށް އަމީރު ވިދާޅުވި އެވެ.

"އޭގެ އިތުރުން ރައީސް ފާހަގަކުރެއްވިހެން މިހާރު އަޅުގަނޑުމެން އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ އިތުރުން އިތުރު މަޝްރޫއުތައް މަޑުޖައްސާލުމަށް އަޅުގަނޑުމެން ނިންމާފަ ވާނީ. މީ މިހާރު ކުރަން އަޅުގަނޑުމެން ނިންމާފައިވާ ކަންތައްތައް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ރިކަރަންޓު އަދި ކެޕިޓަލް ހަރަދުވެސް ހިނގަމުންދަނީ މިިދިޔަ އަހަރާއި އަޅައި ބަލާއިރު ފުދޭވަރަކަށް ބާރަށެވެ. އެހެންކަމުން އާމްދަނީ އިތުރުކޮށް ހަރަދު ކޮންޓްރޯލްކުރަން ފިޔަވަޅު ނާޅައިފިނަމަ 2023 ވަނަ އަހަރު ގާތްގަނޑަކަށް 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

"ސިޔާސަތުތަކަށް ބަދަލު ނުގެންނަ ނަމަ ދައުލަތުގެ އާމްދަނީއަށްވުރެ ބޮޑުތަނުން ހަރަދު އިތުރުވެގެންދާނެ. އާމްދަނީ އިތުރުކޮށް ހަރަދު ކޮންޓްރޯލްކުރަން ފިޔަވަޅު ނާޅައިފިނަމަ 2023 ވަނަ އަހަރު ގާތްގަނޑަކަށް 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަންޖެހޭނެ. މީ ބޭރުގެ މާލީ ހާލަތާއި ދުނިޔޭގެ އިގްތިސާދީ ހާލަތަށް ބަލާފައި ފައިނޭންސް ކުރެވޭނެ މިންވަރެއް ނޫން،" އަމީރު ވިދާޅުވި އެވެ.