ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އެއްއަހަރު ވުމާގުޅިގެން އެމަނިކުފާނަށްކުރާ އަނިޔާއާ ދެކޮޅަށް އިދިކޮޅުން މިއަދު ކަނޑުމަތީ މުޒާހަރާއަށް ނުކުމެއްޖެ އެވެ.

އެ މުޒާހަރާ އަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ސަޕޯޓަރުން ހިމެނޭހެން ތިން ދޯންޏެއްގައި މިހާރު ވަނީ މުޒާހަރާއަށް ނުކުމެފަ އެވެ. މި އިޙްތިޖާޖުގައި ރައީސް ޔާމީން ޖަލުގައި ހުންނަވާ މާފުށްޓާ ހަމައަށް ގޮސް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލުމަށް ހަމަޖެހިފައިވާ ކަމަށް އިދިކޮޅުން ބުނެ އެވެ.

މީގެ އިތުރުން "ރައީސް ޔާމީންއަށް ކުރާ އަނިޔާއާ ދެކޮޅަށް ރާއްޖެ" މިނަމުގައި މުޅި ރާއްޖޭގައި މިއަދު އިޙްތިޖާޖު ކުރިއަށްދާނެ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ ހުރިހާ ސަރަޙާއްދެއްގައި އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އިޙްތިޖާޖު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީލޯންޑްރިންގެ ކުށުގައި ޖަލަށްލިތާ އެއް އަހަރުފުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ކަނޑުމަތީގައި މުޒާހަރާކުރަނީ. ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ނައިބު ރައީސް މުޙާއްމަދު ޣައްސާން މައުމޫން ވިދާޅުވެފައި ވަނީ ރައީސް ޔާމީން އެކަހެރި ކޮށްފައިވަނީ ސިޔާސީ މިނިވަން މައިދާނެއްގައި އެމަނިކުފާނު ހޯއްދަވާނެ ކާމިޔާބީދެކެ ޖެހިލުންވާތީ ކަމަށާއި މި ސަރުކާރު ބަލިކުރާނެކަން ޔަގީންވާތީ ކަމަށެވެ.

ޣައްސާން ވިދާޅުވީ ރައީސް ޔާމީނަށް ދެމުންގެންދަނީ ނުޙައްގު އަނިޔާތަކެއް ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ކަމަށެވެ.

ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު މުޙައްމަދު ޙުސެއިން ލަތީފް ނެރުއްވި ބަޔާނުގައިވަނީ އިންސާފަކީ ކޯޓުތަކަށް އަތްބާނައިގެން ވަކި ބަޔަކަށް ހޯދައި ދޭންޖެހޭ އެއްޗަކަށް މިއަދުގެ ސަރުކާރުން ހަދާފައިވާ ކަމަށާއި އަނިޔާވެރި ވެގެން އެއްވެސް ބަޔަކަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށެވެ. އެންމެ ގިނައިން ހައްގުތަކުގެ ވާހަކަ ދެއްކި މީހުންނަށް މަގާމުތައް ލިބުމުން އިންސާނިއްޔަތުކަން ވެސް އެއީ އޮންނަ އެއްޗެއް ކަން ހަނދާން ނެނތިއްޖެ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީލޯންޑްރިންގެ ކުށުގައި ޖަލަށްލިތާ އެއް އަހަރުފުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ކަނޑުމަތީގައި މުޒާހަރާކުރަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ވަނީ ނުހައްގުން ހުކުމެއް ކޮށްފައިވާ ކަމަށާއި ޖަލުގައި ހޭދަކުރައްވަމުން ގެންދަވަނީ ހިތްދަތި ދުވަސްތަކެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ ނުފޫޒުން އެތައް ޙައްޤުތަކުން މަޙްރޫމް ކުރެވި އިންސާފުން މަޙްރޫމް ކުރެވިފައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލުންވެސް ވަނީ ސަރުކާރުން އެމަނިކުފާނަށް ލިބެންޖެހޭ ހައްޤުތައް ލިބެމުންނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިސްތިއުނާފުގެ މަރުޙަލާގައި ހުކުމްކުރުން ލަސްވުމަކީ ވެސް ވަރަށް ބޮޑު އަނިޔާއެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވެ އެވެ.