ގަޑިން ގަޑިއަށް ކެއުމަކީ ދުޔަހެޔޮ ސިއްހަތަކަށް ކިހާ މުހިއްމު ކަމެއްކަން ޑޮކްޓަރުން އަބަދުވެސް ވިދާޅުވެ ދެއްވަ އެވެ. އެކަމުގެ މުހިއްމުކަން އެނގިހުރެ ވެސް ބަނޑުހައި ނުވާތީ ގަޑިން ގަޑިއަށް ނުކައި ދޫކޮށްލާ މީހުން އަހަރެމެންގެ ތެރޭގައި ވަަރަށް ގިނަ އެވެ.

ކެއުމުގެ ރަނގަޅު އާދަތައް ގެންގުޅޭ ނަމަ ގަޑިއަށް ބަނޑުހައިނުވުމަކީ އާއްމު ކަމަކަށް ނުވި ނަމަވެސް ދިރިއުޅުމުގެ ބައެއް އާދަތަކާއި ސިއްހީ ހާލަތްތަކުގެ ސަބަބުން މިއީ ވެދާނެ ކަމެކެވެ.

އެގޮތުން ބަލާއިރު ރޭގަނޑު މާ ގިނައިން ކެއުމާއި ދަންވަރު ލުއިކާނާ ކެއުމަކީ ގަޑިއަށް ބަނޑުހައި ނުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. މީގެ އިތުރުން ކާން ބޭނުންކުރާ ބޭސްތަކާއި ހަށިގަނޑުގައި ހޯމޯންސް ދައުރުވާ މިންވަރުން ވެސް މިކަމަށް އަސަރު ކުރެ އެވެ.

ދެން އޮތީ ބަނޑުހައި ނުވި ނަމަވެސް ހެނދުނުގެ ނާސްތާކުރަން ޖެހޭނެތޯ ކުރެވޭ ސުވާލެވެ. ހެނދުނުގެ ނާސްތާއަކީ ދުވަހާ ކުރިމަތިލާއިރު ކުރާ ނާސްތާއަކަށްވުމުން ދުވަސް ފަށައިގަތުމަށްޓަކައި ލުއިގޮތަކަށް ނަމަވެސް ހެނދުނުގެ ނާސްތާ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެއާއެކު މެންދުރު އަދި ރޭގަނޑުގެ ކެއުމަކީ ދުވަސް ކުރިއަށް ދާއިރު ބޭނުންވާ ހަކަތަ ހަށިގަނޑަށް ލިއްބައިދޭ ކެއުންތަކެވެ.

ގަޑިން ގަޑިއަށް ކެއުމަކީ ގިނަ ބަޔަކަށް ފަރުވާކުޑަ ކުރެވޭ ކަމެކެވެ. ގަޑިން ގަޑިއަށް ކެއުމުން ލިބޭ ފައިދާތަކާއި ދޫކޮށްލުމުން ލިބޭ ގެއްލުންތަކަށް ހޭލުންތެރިވެ އެންމެ ރަނގަޅު ގޮތުގައި ކެއުމުގެ އާދަތައް ގެންގުޅުމަކީ އެންމެންގެ އަމާޒަކަށް ވާންވާނެ އެވެ.