އެވަކާޑޯއަކީ އަހަރުމެން ދިވެހިިން ވެސް މިހާރު ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. މިއީ އަހަރުމެންގެ ތެރޭގައި އާއްމު ބައްޔެއް ކަމަށްވާ ހަކުރު ބަލި ކޮންޓްރޯލް ކުރަން އެހީވާ މޭވާއެއް ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

މޮލެކިއުލާ ނިއުޓްރިޝަން އެންޑް ފުޑް ރިސާޗް ޖާނަލްގައި ޝާއިއުކޮށްފައިވާ ކެނެޑާގެ ގުއެލްފް ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި އާންމުކޮށް އެވޮކާޑޯ ކެއުމަކީ ހަކުރުބައްޔަށް ހުށަހެޅުމުން ވެސް ސަލާމަތްކޮށްދޭ ކަމެކެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ހަކުރުބަލީގެ މީހުންގެ ލޭގައި އިތުރުވާ ގުލްކޯޒް ބޭރުކޮށްދޭން އެވަކާޑޯގައި އެކުލެވޭ މާއްދާއެއް ކަމަށްވާ އެވަކެޓިން ބީ މުހިއްމު ދައުރެއް އަދާކޮށްދީ، އިންސިއުލިން ރެސިސްޓަންސް ހަމައަކަށް އަޅުވައިދެ އެވެ.

އެހެން ނަމަވެސް ހަކުރުބަލިން ރައްކާތެރިވުމުގެ ގޮތުން ހަމައެކަނި މޭވާއަކަށް އެވަކާޑޯ އަށް ބަރޯސާވުމަކީ އެ ބަލިން ރައްކާތެރިވެވިދާނެ ކަމެއްގެ ގޮތުގައި ބަލާކަށް ނުވާނެ ކަމަށް ދިރާސާގައި ބުނެ އެވެ. ސަބަބަކީ މޭވާގައި އެވަކެޓިން ބީ އެކުލެވޭ މިންވަރު ތަފާތުވުމެވެ.

"އަދި ސާފެއް ނޫން އެވަކާޑޯއެއް ކާލީމަ ޑައިޖެސްޝަނާއި ދެން އޭގެ ސަބަބުން ކުރާ އަސަރުތައް މަސައްކަތްކުރަނީ ސީދާ ކިހިނެއް ކަމެއް،" ދިރާސާކުރި ޓީމުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަކުރުބައްޔާއި ފަލަވުން ފަދަ ސިއްހީ މައްސަލަތަކުން ރައްކާތެރިވާން ބޭނުން ނަމަ އެންމެ މުހިއްމު ދެ ކަމަކީ ދުޅަހެޔޮ ޑައިޓެއް ގެންގުޅުމާއި ގަވައިދުން ކަސްރަތުކުރުމެވެ.

އެހެންވެ ޑައިޓަށް ގެންނަ ބަދަލުގެ ތެރެއަށް އެވަކާޑޯ އިތުރުވުމަކީ ސިއްހީ ގޮތުން ވަރަށް ރަނގަޅު އާދައަކަށްވާނެ ކަމަށް ވިދާޅުވި އެވެ.