ގައުމުގައި ހުންނެވޭނެ ފުރުސަތު ނެތިގެން އެންމެ ފަހުން ސްރީލަންކާ ދޫކުރައްވައި، ރައްކާތެރިކަމާއި ހިމާޔަތް ހޯއްދެވުމަށް އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މިރޭ ދަންވަރު ރާއްޖެ ވަޑައިގެންފި އެވެ.

އޭއެފްޕީން ބުނިގޮތުގައި ގޮޓަބަޔާ ރާއްޖެ ވަޑައިގެންފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން އޮފިޝަލެއް ކަމެއް އެ ނިއުސް އެޖެންސީން ނުބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރި ނަމަވެސް ދިވެހި ސަރުކާރުން އެއްވެސް ޖަވާބެއް ނުދެ އެވެ.

މިއީ ގައުމެއްގެ އެންމެ އިސްވެރިއަކަށް ހުންނެވި ބޭފުޅަކު ރާއްޖެއިން ހިމާޔަތް ހޯއްދެވުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ގޮޓަބަޔާ މިރޭ ގާތްގަނޑަކަށް 3:00 ހާއިރު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި މަންޒަރު ނޫސްވެރިންނަށް ފެނިފައިވެ އެވެ. އަދި އެ ހަބަރު ލިބިގެން މާލޭގައި ދިރިއުޅޭ ސްރީލަންކާގެ ބައެއް މީހުން ވެސް އެއާޕޯޓަށް ދިޔަ އެވެ. ނަމަވެސް އެތަނުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.

ރައީސް ގޮޓަބަޔާ އާއި އާއިލާ ހިމާޔަތަށް ރާއްޖެއަށް އަންނަން ފުރުމުން، މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖައްސަން ހުއްދަ ދޭން ދެކޮޅު ހެދި ކަމަށް ބައެއް ރިޕޯޓުތައް މިރޭ ބުނެފައިވެ އެވެ.

ސްރީލަންކާގެ ރައީސް މިއަދުން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމަށް ފަހު ގައުމު ދޫކުރައްވައި ފުރާވަޑައިގެންނެވީ، އެ ގައުމުގެ އިގުތިސޯދީ ހީނަރުވުމުން ރައްޔިތުން ނުކުމެ މުޒާހާރާކޮށް، ރައީސްގެ ގަނޑުވަރާއި އޮފީސް ހިސޯރުކުރުމުންނެވެ.

އެންޓަނޯވް -32 މަރުކާގެ މިލިޓަރީ ބޯޓެއްގައި ފުރާވަޑައިގެންނެވިއިރު، ގޮޓަބަޔާގެ އިތުރުން އޭނާ އާއި އޭނާގެ އަންހެނުން އަދި ދެ ބޮޑީގާޑަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"އެ މީހުންގެ ޕާސްޕޯޓް ސްޓޭމްޕް ޖަހާފައި، އެމީހުން ވަނީ ސްޕެޝަލް އެއާފޯސް ފްލައިޓަށް އަރައިގެން ގޮސްފައި،" އެ ޕްރޮސެސްގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.

"ދަ ޓާމިނޭޓާ" ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 73 އަހަރުގެ ލީޑަރު ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން އިމިގްރޭޝަން އޮފިސަރުން އެއްބާރުލުން ނުދިނުމުން 24 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން އެއާޕޯޓުގައި ނިކަމެތިކަމާއެކު ހުންނެވި ކަމަށްވެ އެވެ.

ގޮޓަބަޔާ ކޮމާޝަލް ފްލައިޓެއްގައި ދުބާއީއަށް ދަތުރުކުރަން ބޭނުންވި ނަމަވެސް ބަންޑާރަނައިކަ އިންޓަނޭޝަނަލްގެ ސްޓާފުން ވަނީ ވީއައިޕީ ހިދުމަތް ދޭން ދެކޮޅު ހަދައި، ހުރިހާ ފަސިންޖަރުން ވެސް ޕަބްލިކް ކައުންޓަރުތަކުން ދާން ޖެހޭ ކަމަށް ބުނެ ގޮޓަބަޔާ އެތަނަށް ފޮނުވަން މަސައްކަތްކޮށްފަ އެވެ.

މިދިޔަ އޭޕްރީލް މަހު މާލީ ވަޒީރުކަމުން އިސްތިއުފާ ދެއްވި ރާޖަޕަކްސަގެ އެންމެ ހަނގު ކޮއްކޯފުޅު ބާސިލް ރާޖަޕަކްސަ، އެމިރޭޓްސްގެ ފްލައިޓެއް ދުބާއީއަށް ފުރާވަޑައިގަންނަވަން އުޅުއްވުމުން އެއާޕޯޓުގެ މުވައްޒަފުން ހުރަސްއެޅުމުން، އެންމެ ފަހުން ފުރާވަޑައިގެންނެވުނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. -- އޭއެފްޕީ