މިދިޔަ އަހަރު އެންމެ ބޮޑު ކާމިޔާބެއް އަދި ބެލުންތެރިންގެ މަގުބޫލުކަން ހޯދި ސައުތުގެ ފިލްމު ކަމަށްވާ "ޕުޝްޕާ: ދަ ރައިޒް" ގެ ދެވަނަ ބައި ކުޅެދޭ އަގު އެފިލްމުގެ ލީޑް ތަރިން ބޮޑުކޮށްފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ މަހު "ޕުޝްޕާ"ގެ ދެވަނަ ބައިގެ ޝޫޓީން ފެށުމަށް ތާވަލުކޮށްފައިވާއިރު އެފިލްމުގެ ލީޑް އެކްޓަރު އައްލޫ އަރުޖުން އާއި އެކްޓަރެސް ރަޝްމިކާ މަންޑަންނާގެ ފީ ބޮޑުކޮށްފަ އެވެ.

އެގޮތުން އައްލޫ އަރުޖުން 90 ކްރޯޑް ރިޕީސްއަށް ބޮޑު ކޮށްފަ އެވެ.

ތެލެގޫ އެކްޓަރުންގެ ތެރެއި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ އައްލޫ "ޕުޝްޕާ" ފުރަތަމަ ބައި ކުޅުނީ 50 ކްރޯޑް ރުޕީސް އަށެވެ.

https://www.instagram.com/p/CYdeOYtBNaC/

މީގެ އިތުރުން ރަޝްމީކާ މަންޑަންނާގެ ފީ ބޮޑު ކުރުމަށް ޕްރޮޑިއުޝަރާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ޕުޝްޕާ"ގެ ފުރަތަމަ ބައިން ފީއެއްގެ ގޮތުގައި ރަޝްމިކާ ނަގާފައިވަނީ ދެ ކްރޯޑް ރުޕީސް އެވެ. އަދި "ޕުޝްޕާ"ގެ ދެ ބައިން އޭނާއަށް ތިން ކްރޯޑް ރުޕީސް ލިބިގެންދާނެ އެވެ.

https://www.instagram.com/p/CYwX50VJNgL/?hl=en

މީޑިއާތަކުން ބުނި ގޮތުގައި ދެވަނަ ބައި ހަދަން ނިންމާފައި ވަނީ ޖުމްލަ 350 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. މީގެ ތެރެއިން 40 ކްރޯޑް ރުޕީސް އަކީ ފިލްމުގެ ޑައިރެކްޓަރު ސުކުމާރުގެ ފީ އެވެ. ފުރަތަމަ ބައިން އޭނަ އަށް ފީއެއްގެ ގޮތުގައި ލިބުނީ 18 ކްރޯޑް ރުޕީސް އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާކުރަމުން އަންނަ "ޕުޝްޕާ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަދި އެހާމެ ޝައުގުވެރި ފިލްމަކަށް "ޕުޝްޕާ: ދަ ރޫލް" ހަދަން މުޅި ޓީމް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މި ފިލްމުގެ ބަތަލާ އަކީ ފުރަތަމަ ބައިގެ ވެސް ބަތަލާ ރަޝްމިކާ މަންދަނާ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައި ރިލީޒްކުރި "ޕުޝްޕާ: ދަ ރައިޒް" 200 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އިރު، ބޮކްސް އޮފީހުގައި ފިލްމަށް 365 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ޕުޝްޕާގެ ފުރަތަމަ ބައި އިންޑިއާގެ ފަސް ބަހަކުން ރިލީޒްކޮށްފައިވާއިރު، ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް، ކަންނަޑާ މި ފަސް ބަހުން އެ ފިލްމު ސިނަމާތަކުގައި އަޅުވާފައިވެ އެވެ.