ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ރާއްޖެ ގެނެސް ފިއްލެވުމަށް އެހީތެރި ނުވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.
ގޮޓަބަޔާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމުގައި އިންޑިއާ އިން އެހީތެރިވެ ދީފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ވަނީ ޓުވީޓެއް ކޮށްފަ އެވެ.
ހައި ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގޮޓަބަޔާ ފިއްލެވުމަށް އިންޑިއާ ސަރުކާރުން އެހީތެރިވެ ދީފައިވާ ކަމަށް ބުނެ ކުރެވެނީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
ގޮޓަބަޔާ ރާއްޖެ ވަޑައިގަތުމަށް އިންޑިއާ ސަރުކާރުން އެހީތެރިވެދީފައި ނުވާނެ ކަމަށް ލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް މިކަމުގެ އަޑީގައި އޮތީ އިންޑިއާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ލަންކާގެ ރައްޔިތުންނާ ފިއްލަވައިގެން އަސްކަރީ ބޯޓެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު އެއް ދުވަސް ރާއްޖޭގައި މަޑުކުރެއްވުމަށް ފަހު ގޮޓަބަޔަ ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނު 11:30 ގައި ސައުދީ އެއާލައިންގެ ފްލައިޓަކުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ސިންގަޕޫރުން ވަނީ އޭނާއަށް ހިމާޔަތް ދީފަ އެވެ.
އޭނާ ފިއްލަވަން ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ހާމަނުކުރެ އެވެ.