ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް 5،000 އަށްވުރެ ގިނަ ފޯމް ހުށައަޅައިފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ހައުސިން މިނިސްޓްރީން ބުނީ ގެދޮރުވެރިން ޕޯޓަލަށް މިހާތަނަށް 5،278 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

މި ޕޯޓަލް ފަރުމާކޮށްފައިވަނީ ސުންގަޑި ހަމަވުމާ ހަމައަށްވެސް ހުށަހަޅާފައިވާ ފޯމުތަކަށް، އެފޯމެއް ހުށަހެޅި ފަރާތުން ބޭނުންވާ އުނިއިތުރު ގެނެވޭ ގޮތަށެވެ. އެހެންކަމުން، އެންމެ ފަހުގަޑިއަށް މަޑުނުކޮށް، ފޯމުގައި ހިމަނާފައިވާ މައުލޫމާތުތައް ފުރިހަމަތޯ ޗެކްކޮށް ކަށަވަރުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެ އެވެ. އަދި ފޯމާ ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހުށައެޅޭނެ އެވެ. ޕޯޓަލްއަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗާތައް ވެސް މި ޕޯޓަލްގައި ހިމަނާފައިވެ އެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4،000 ފްލެޓާއި، 3،000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1،000 ގޯއްޗާއި، 4،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅިފަޅުންނެވެ.

މި ދެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ "ގެދޮރުވެރިން ޕޯޓަލް" https://gedhoruverin.gov.mv މެދުވެރިކޮށެވެ. މި ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 26 ނިޔަލަށް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މި ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހާގެ ނަމުގައި ބިންކޮޅެއް އޮތްނަމަ، އެ ބިން ދޫކޮށްލާފައި މި ސްކީމްއާއި ބައިވެރިވެވޭނެ އެވެ. މިފަދަ ބިން ދޫކޮށްލާއިރު ޢަމަލުކުރާނެ ގޮތްތައް ވެސް ސްކީމްގައި ވަނީ ކަނޑައަޅާފަ އެވެ.

އެ އުސޫލުގައި ބުނާގޮތުން 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ، ފްލެޓްގެ އަގު ހިލޭކޮށްދޭ ގޮތަށް ވަނީ ނިންމާފަ އެވެ. އަދި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ، އެ ބިމުގެ އަގު ފްލެޓްގެ އަގުން އުނިކުރެވޭނެ އެވެ. ދޫކޮށްލާ ބިން އަގުކުރާނީ، އަކަފޫޓަކަށް 3،500 ރުފިޔާ އަށެވެ.

ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ، މަޢުލޫމާތު ރިވިއުކޮށް މާކްސް ދިނުމަށްފަހު ފްލެޓް ލިބުން އެންމެ ހައްގުވެރި މީހުން ބެލުމަށްފަހު އެވެ. އަދި ފްލެޓް ހަވާލުކުރާނީ ފްލެޓް ލިބޭ ފަރާތާއި، ފްލެޓް ހަވާލުކުރާ ފަރާތާ ދެމެދު ވެވޭ ޚާއްސަ އެގްރިމެންޓެއްގެ ދަށުންނެވެ. ކޯ-އެޕްލިކަންޓާއެކު ހުށައަޅައިގެން ލިބޭ ފްލެޓްގައި ސޮއިކުރާނީ މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓެވެ.

މި ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެއަގާ އަގު ނަގާނެ ގޮތް ކަނޑައަޅާނީ ސްކީމް ހިންގާ ފަރާތުންނެވެ.