ހަކުރު ބައްޔަކީ ރާއްޖޭގައި އެންމެ އާއްމު އެއް ބައްޔަށްވާއިރު މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ގިނަ ކަންކަން ވެސް ހުރެ އެވެ. އެގޮތުން އިސްކޮޅަކީ ވެސް ހަކުރު ބަލި ޖެހުމުގައި ކޮންމެވެސް ވަރެއްގެ ދައުރެއް އަދާ ކުރާކަން ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

ޑައިބިޓަލޯޖިއާ ޖާނަލްގައި އާންމުކުރި ރިޕޯޓެއްގައި ބުނާ ގޮތުން އިސްކޮޅުން ކުރު މީހުންނަކީ ޓައިޕް 2 ޑައިބެޓީޒް ޖެހުމުގެ ފުރުސަތު، އިސްކޮޅުން ދިގު މީހުންނަށް ވުރެ ބޮޑު ބައެކެވެ.

ދިރާސާގައި ވަނީ ފިރިހެނުންގެ ތެރެއިން އިސްކޮޅުން 5 ފޫޓް 6 އިންޗި އަށް ވުރެ ކުރު މީހުންނާއި އަންހެނުންގެ ތެރެއިން އިސްކޮޅުން 5 ފޫޓް 2 އިންޗި ހުރި މީހުންގެ އުމުރާއި އުނަގަނޑުގެ ސައިޒާއި ފައިގެ ދިގުމިން ފަދަ ކަންކަން ކިރައިގެން ވަޒަންކުރާ ނަމަ އިސްކޮޅާއި ހަކުރުބައްޔާ ގުޅުންހުރިކަން ހާމަކޮށްދޭ ކަމަށް ބުނެފަ އެވެ. އެގޮތުން އިސްކޮޅުން ކުރު މީހުންނަށް ހަކުރުބަލީގެ ބިރުބޮޑުކަން ފާހަގަކުރެވިފައިވެ އެވެ.

އެގޮތުން ކަނޑައެޅި އިސްކޮޅުތަކަށް ބަލާއިރު ދެ ޖިންސްގެ މީހުންގެ އިސްކޮޅުގެ ތަފާތަށް އަންނަ ކޮންމެ ތިން އިންޗިއެއްގެ ތަފާތާ އެކު، އިސްކޮޅުން ކުރު މީހުންނަށް ހަކުރުބަލީގެ ބިރު 30 ޕަސަންޓް ބޮޑު ކަމަށް ދިރާސާ އިން ދައްކަ އެވެ.

ދިރާސާގައި ބުނިގޮތުގައި އިސްކޮޅުން ދިގު މީހުންނަށް ޓައިޕް 2 ޑައިބެޓީޒް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެނީ އެ މީހުންގެ އިސްކޮޅާ އެކު މޭގައި ޖަހާ ފެޓް ދަށްވުމާއި ކޮލެސްޓްރޯލް ލެވެލް އިސްކޮޅުން ކުރު މީހުންނަށް ވުރެ ދަށްވުމުގެ ސަބަބުންނެވެ.

އިސްކޮޅު.ދިރާސާ ޓީމްގައި ހިމެނޭ ސައިންސްވެރިއަކު ވިދާޅުވި ގޮތުގައި އިސްކޮޅުން ކުރުވުމާއި ހަކުރުބައްޔާ ހުރި ގުޅުމާ ބެހޭ ގޮތުން އަދިވެސް އިތުރު ހޯދުންތަކެއް ހޯދަން ޖެހެ އެވެ.

އެގޮތުން ހަކުރުބަލި ޖެހުމާއި އާދަޔާހިލާފަށް ފަލަވުމަކީ އާއިލީ ގޮތުން އިސްކޮޅުން ކުރު މީހުންނަށް ވާރުތަކުރާ ކަމެއްތޯ ދެނެގަތުމަށް އިތުރު ދިރާސާތަކެއް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.