އެއްވެސް މީހަކަށް، ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިޔަކަށް އަނިޔާކޮށްފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަަސް އެޅި ކަމަށް ބުނެ ދެ އިލްމުވެރިޔަކު ހައްޔަރުކޮށް ކުޑަގޮޅީގައި ދެ އިލްމުވެރިން ބަންދުކޮށްގެން ގެންގުޅޭ މައްސަލައިގައި ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީހަކަށް ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާ ނުކުރައްވާނެ ކަމަށެވެ. އަދި އަނިޔާ ލިބޭ މީހުންގެ ދުއާ އިން ރައްކާތެރިވުމަށް އަބަދު ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝައިހް ނިޝާން އާއި ފަޒްލޫން ހައްޔަރުކޮށްފައިވާއިރު އިސްލާމިކް މިނިސްޓްރީން ވަނީ އެ ދެ ބޭފުޅުންނަށް ދޫކޮށްފައިވާ ދަރުސް ދިނުމުގެ ހުއްދަ ވެސް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 20 މީހަކު ތިބިއިރު، މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެހެންނަމަވެސް އެޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކޮށްފައިނުވާއިރު އެމީހުންނާ މެދުގައި ސަރުކާރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވެ އެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި ހޯމް މިނިސްޓަރު އިމްރާނަށް އަމާޒުވި އެވެ.