މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކިޔޭގައި ކުރިއަށްދިޔަ 12 ވަނަ ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރެއްވި ދަތުރުފުޅުގެ ކެއުމަށް އެކަނި 87،000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އޮންލައިން ނޫސް އަދަދުން މި ދަތުރާ ގުޅުން ހުރި މައުލޫމާތު ހޯދުމަށް އެދުމުންނެވެ.

ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި ބައިވެރިވުމަށް ރާއްޖެއިން ވަޑައިގެންފައިވަނީ ނަހުލާ ހިމެނޭހެން ހަތަރު ބޭފުޅުންނެވެ. އިސްތަންބޫލުގައި ކުރި އެ ދަތުރުގައި ދައުލަތުން ދީފައިވަނީ ހަމައެކަނި ކެއުމުގެ ހަރަދު ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނަހުލާ ކުރެއްވި 13 ދަތުރުފުޅަކަށް ދައުލަތުން ވަނީ 1،099،495ރ. ހޭދަކޮށްފަ އެވެ.

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނަހުލާ ވަނީ ސްރީލަންކާއާއި ސްވިޒަލޭންޑާއި ސިންގަޕޫރުގެ އިތުރުން ސައުދީ އަރަބިއްޔާއަށް ވަަޑައިގެންފަ އެވެ.

މި ދަތުރުފުޅުތަކުގެ ތެރެއިިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް ކޮމިޝަން ފޯ ޔޫރަޕްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޓްރާންސްޕޯޓް މިނިސްޓީރިއަލް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑަށް ކުރި ދަތުރުފުޅަށެވެ. 10 ދުވަހުގެ އެ ދަތުރުފުޅަށް ދައުލަތުން ވަނީ 171،039ރ. ހޭދަ ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވެ އެވެ.