ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި ސާހްރުކް ޚާން އެއް ފިލްމަކުން ފެނިގެންދިޔުމަށް ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރެ އެވެ. މިދެ ފާންނާނުން އެކުއެކީގައި އެފިލްމަކުން ފެނުމަށް މި ދެ ފަންނާނުގެ ސަޕޯޓަރުން އަބަދުވެސް އަންނަނީ އެދެމުންނެވެ.

ސަލްމާނާއި ޝާހްރުކް ޚާނަކީ ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ 1995 ގެ "ކަރަން އަރުޖުން" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ސަލްމާން އާއި ޝާހްރުކް ޚާން އެކީގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ރިޕޯޓްކުރި އެވެ. އެއީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ ފިލްމެއް ކަމަށްވެސް ރިޕޯޓްތަކުން ބުންޏެވެ. އެހެންނަމަވެސް އެންމެ ފަހުން ވައިއާރްއެފްއިން ވަނީ މިހަބަރު ދޮގުކޮށްފަ އެވެ.

އަނެއްކާވެސް ސަލްމާނާއި ޝާހްރުކް އެކީގައި ބޮޑު ސްކުރީނަށް އަންނަ އުޅޭ ވާހަކަ ވަނީ ދެކެވެން ފަށައިފަ އެވެ. މިފަހަރު މި ދެ އެކްޓަރުން އެއް ފިލްމަކަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީ ބޮލީވުޑްގައި މަޝްހޫރު އަނެއް ޚާން ކަމަށްވާ އާމިރު ޚާނެވެ.

ބޮލީވުޑް ލައިފުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2008 އަހަރު ރިލީޒް ކުރި އާމިރުގެ ފިލްމު "ގަޖިނީ" ގެ ޑައިރެކްޓަރު އޭއާރް މުރްގަދޯސް ޝާހްރުކާއި ސަލްމާން އެކީގައި ފިލްމަކަށް ގެންނަން ބޭނުންވެގެން އެކަމުގެ މަގުފަހިކޮށްދިނުމަށް އާމިރު ކައިރީގައި ވަނީ އެދިފަ އެވެ. އަދި އެކަމާ ގުޅިގެން އޭނާ އެ ދެ ތަރިންނާ އެކީ މީޓިންއެއް ރާވައި ދިނުމުން މުރްގަދޯސް ދެ ތަރިންނަށް ފިލްމު ނެރޭޓްކޮށް ދީފައިވާ ކަމަށާއި އަދި ސަލްމާނާއި ޝާހްރުކަށް ވެސް އެ ކަމުގޮސްފައިވާތީ ފިލްމަށް ސޮއިކުރާނެކަމުގެ އިޝާރާތް ދީފައިވެ އެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް ވާހަކައެއް އަދިއެއް ނެތެވެ. ނަމަވެސް ވަރަށް އަވަހަށް މި ފިލްމު އިއުލާންކުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.

މުރްގަދޯސް އަކީ އާންމުކޮށް ތަމަޅަ ފިލްމުތައް ހަދާ ޑައިރެކްޓަރެކެވެ. އޭނާ ޑައިރެކްޓްކުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ގަޖިނީ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" އާއި ސޮނާކްޝީ ސިންހާގެ "އަކީރާ" ހިމެނެ އެވެ. މުރްގަދޯސް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ރަޖްނީކާންތުގެ 2020 ގެ "ދަރުބާރު" އެވެ.

ޝާހްރުކް ޚާން ކުރިއަށް ހުރި ފިލްމުތަކަކީ "ޕަތާން" އާއި ރާޖްކުމާރު ހިރާނީގެ ފިލްމު "ޑަންކީ" އަދި އެޓްލީ ކުމާރުގެ "ޖާވާން" އެވެ. އަނެއްކޮޅުން ސަލްމާން ޚާން ކުރިއަށް ހުރި ފިލްމުތަކަކީ "ބައިޖާން(ކުރިން ކަބީ އީދު ކަބީ ދިވާލީ)"، "ނޯ އެންޓްރީ 2" ، "ބަޖްރަންގީ ބައިޖާން 2" އަދި "ކިކް 2" އެވެ.