އިންޑިއާގެ 15 ވަނަ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކަމަނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާކަމަށެވެ. އަދި އެކަމަނާގެ ލީޑާޝިޕްގައިވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އިންޑިއާގެ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިހާބު ކޮށްފައިވަނީ އިއްޔެ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި ނެގި ވޯޓުންނެވެ. މި އިންތިހާބު އޭނާ ކާމިޔާބުކުރެއްވީ ޔަޝްވަންތް ސިންހަ އާ ވާދަކުރައްވާ 64.03 އިންސަތައް ވޯޓުންނެވެ. ދްރޫޕަދީ އަކީ އިންޑިއާގެ ރައީސް ކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާ އެވެ. އޭނާ މަގާމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދްރޫޕަދީ ސިޔާސީ މަސައްކަތް ފެށީ 1997 ވަނަ އަހަރުއެވެ. އޭނާ އަކީ ވެރިކަންކުރާ ބީޖޭޕީގެ ދުވަސްވީ މެންބަރެކެވެ.

އޭނާ ރައީސް ކަމަށް ހޮވިވަޑައިގަތުމުން ބީޖޭޕީން ދަނީ އިންޑިއާގައި އުފާ ފާޅުކުރަމުންނެވެ.