ވަޒީފާ އަދާ ކުރާ މީހުން އޮފީސް ނިންމާފައި ގެއަށް ދާއިރު މާ ބޮޑަށް ހާސްވުމުގެ ސަބަބުން ރޯގާ ޖެހި، ޕްރެޝަރު މައްޗަށް ގޮސް ހުންނަ ވާހަކައަކީ އާންމުކޮށް އެންމެވެސް ދައްކާ ވާހަކައެވެ. ވަޒީފާގެ މާހައުލުގައި މުވައްޒްފުން ބަލިވާ ސަބަބު ހޯދަން ދާދިފަހުން އެމެރިކާގެ ޔުނިވާސިޓީއަކުން ވަނީ ދިރާސާއެއް ކޮށްފަ އެވެ.

އޮފީސް މާބޮޑަށް ސާފުވުން

މާބޮޑަށް އޮފީސް ސާފުކޮށް ބޭއްވުމުން އެ ތަނުގައި މަސައްކަތް ކުރާ މީހުންގެ ސިއްހަތަށް ވާ ގެއްލުން މާބޮޑެވެ. ސާފުކުރަން ބޭނުން ކުރަނީ ޖަރާސީމު ނައްތާލާ ސާފު ކުރާ ސާމާނެވެ. އެ ޕްރޮޑަކްޓުތައް ބޭނުންކޮށްގެން އޮފީހުގެ ކޮންމެ ތަންކޮޅެއް ވަކިން ސާފު ކުރުމުގެ ސަބަބުން މަސައްކަތް ކުރާ މުވައްޒަފުން އެލާޖިކްވެ، ހަންގަނޑަށް ގެއްލުންވާ ގޮތްވެ އެވެ.

އޮފީހުގައި އުފެދޭ ކުދި ކުނި

އާންމުކޮށް އޮފީހުގައި އިނދެގެން މަސައްކަތް ކުރަން ޖެހޭ މީހުންނަށް މިއީ ދިމާވެދާނެ މައްސަލަ އެކެވެ. އޮފީސް ތެރެ ސާފުކޮށް ނިމޭއިރު ކުދި ކުނި ނުވަތަ ޑަސްޓް ގޮނޑި އާއި މޭޒު ނުވަތަ ފޮތް އަދި ފައިލް ތަކުގައިވެސް ތަތްލަ އެވެ. އޭގެ ސަބަބުން ލޯ ކަހާ، ގައި ކަހާ ގޮތްވެ އެވެ.

އޮފީހުގައި ގަސް ގިނަވުން

އޮފީހުގެ އެކި ކަންކަަނުގައި ޕޮޓުގައި ގަސްއިންދާފައި ބެހެއްޓުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އެހެން ބެހެއްޓުމުން ބަލާލަން ރީތި ނަމަވެސް އޭގެ ސަބަބުން އިންސާނާގެ ސިއްހަތަށް ވަރަށް ގެއްލުންވެ އެވެ. އެގޮތަށް އިންދާފައި ހުންނަ ގަސްގަހުގެ ސަބަބުން ނޭވާލާ ނިޒާމަށް އަސަރު ކުރެ އެވެ. އަދި އެލާޖީވުން އަވަސްވާނެ އެވެ.

ސްޓްރެސް އިތުރުވުން

އެންމެވެސް އެއްބަސްވާ އެއް ކަމަކީ އޮފީސް މާހައުލުގެ ސަބަބުން ބަލިވަނީ ޕްރެޝަރުގައި މަސައްކަތް ކުރަން ޖެހި އެކަމާ ވިސްނަން އަބަދު ޖެހޭތީ އެވެ. މި ދިރާސާ ހެދި އެމެރިކާގެ ވެކްސްނާ މެޑިކަލް ސެންޓަރުގެ ޓީމުން ބުނެފައިވަނީ އޮފީސް މާހައުލުން ކުރުމަތިވާ ސްޓްރެސްއަކީވެސް ބަލިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.