ބޮޑުކަމު ނުދެވުމަކީ ބައެއް މީހުންނަށް ދިމާވާ ވަރަށް ބޮޑު އަދި އުނދަގޫ މައްސަލަ އެކެވެ. ބައެއް މިހުންނަށް ދެތިން ދުވަސް ވާއިރު ބޮޑުކަމު ނުދެވުމުގެ ސަބަބުން ބަނޑު ފުއްޕާ، ބަނޑަށް އުނދަގޫވެ، ބޮޑުކަމުދާ އެއްޗެހި ހަރުވެ ފުރަސްގަސްފަރާތުގައި ރިއްސާ ގޮތްވެސްވެ އެވެ. މިހެން ވާނަމަ ކެއުމަށް ބައެއް ބަދަލުތައް ގެނައުން އެދެވިގެންވެ އެވެ.

ދޮންކެޔޮ

ދޮންކެޔޮއަކީ އާންމުކޮށް ބޮޑުކަމު ދިއުމަށް ވަރަށް ފަސޭހަ މޭވާ އެކެވެ. އެކަމަކު ކާންވީ އެއްކޮށް ދޮންވެފައި ނުވަތަ ރީނދޫ ކުލަ އަރާފައި ހުންނަ ދޮންކޭލެވެ. އެއީ ކުޑަކޮށް ފެހިކޮށް ހުންނަ ދޮންކެޔޮ ނުވަތަ ރަނގަޅަށް ދޮންނުވާ ދޮންކެޔޮ ކެއުމުން އެ ހަޖަމްވުން ލަސްވާނެތީ އެވެ. އަދި ބަނޑަށް އުނދަގޫ ވާނެތީ އެވެ.

ކެފެއިން

ކޮންމެ ދުވަހަކު އެހާ ގިނައިން ކޮފީ އާއި ސައި ބުއިމަކީ ހަޖަމްވާން އުނދަގޫވާނެ ކަމެކެވެ. އެ ދެ ބާވަތް އުފައްދާ ކެފެއިންގެ ސަބަބުން ހަށިގަނޑަށް ހަމަޖެހުން ލިބި ވިސްނުންތަކާއި ދުރުކޮށްދިނަސް ކޮންމެ ދުވަހަކު މާ ގިނައިން ކޮފީ އާއި ސައިބޯނަމަ ހަށިގަނޑުން ހަކަތަ ބޭރުވެ، ބޮޑުކަމު ދިއުމަށް އުނދަގޫވާނެ އެވެ.

ގޮދަނުގެ ބާވަތްތައް

ފުށުން ހަދާފައި ހުންނަ އެއްޗެހީގެ ތެރޭގައި ހިމެނޭ ނޫޑްލްސް، ރޮށި، ޕާސްތާ، ސްޕެގެޓީ، ބިސްކޯދުގެ އިތުރުން ބަތަކީ ފައިބަރ މަދުން ހުންނަ ކާއެއްޗިއްސެވެ. މި އެއްޗެހި ކޮންމެ ދުވަހަކު ގަވައިދުން ކާ ހުރިހާ ގަޑިއެއްގައި ހިމެނުމަކީ ބޮޑުކަމު ދިއުމުގައި މައްސަލަ ދިމާވެ އުނދަގުލާއި ކުރިމަތިލާން ޖެހޭ ސަބަބެކެވެ.