ޔޫއްޕެ ޕްރޮޑަކްޝަން އިން ގެނެސްދޭން ނިންމާފައިވާ ޑްރާމާ ސިލްސިލާ "ހުވާކޮށްފާ ބުނަން"ގެ ޝޫޓިން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ ވެސް ހުރިހާ މަސައްކަތެއް ނިމިއްޖެ ކަމަށް އެ ޑްރާމާގެ ޓީމުން ބުނެފި އެވެ.
ޑްރާމާގެ ކެމެރާމަން އަދި ޓެކްނިކަލް ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނީ ސީރީޒްގެ ހުރިހާ ކަމެއް ނިމި ބެލުންތެރިންނަށް ދައްކަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މިހާރު ޑްރާމާ ވިއްކާލަން ވާހަކަ ދެކެވެމުން ދަނީ، ރަނގަޅު އަގެއްގައި ގަންނަން ބުނާ ބަޔަކަށް ވިއްކާލާގޮތަށް އޮތީ، އިރާދަކުރެއްވިއްޔާ ދެން ލަހެއް ނުވެ ޑްރާމާ ބެލުންތެރިންނާ ހަމަޔަށް އަންނާނެ،" އައްޔަ ބުންޏެވެ.
އޭގެ އިތުރުން އައްޔަ ބުނީ ސީރީޒްގެ ޝޫޓިން ކުޑަކޮށް ދިގު ވެގެން ދިޔައީ ކޮވިޑް19 ގެ ހާލަތު އޮތް ގޮތުން ބައެއް ވަގުތު ތަކުގައި ޝޫޓިންތައް ކުރިޔަން ގެންދިޔުމަށް އުނދަގޫވެގެން ކަމަށެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޝަން ހެދި "ހުވާކޮށްފާ ބުނަން" ސީރީޒްއަކީ ލޯތްބާއި މަޖާ އަދި މިހާރުގެ މުޖުތަމައުގައި ހިނގާ ގިނަ ކަންތައްތަކަކަށް އަލި އަޅުވައިގެން ހުރިހާ ރަހައެއް ވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީރީޒެކެވެ.
މިހާރު ޑްރާމާގެ ފަސްޓު ލުކް އަދި ޓްރެއިލާ ވެސް ރިލީޒްކޮށްފައިވާ އެ ސީރީޒުން ގިނަ ފަންނާނުންތަކެއްގެ އެކްޓިން ފެނިގެންދާނެ އެވެ. މައިގަނޑު ތަރިންގެ ތެރޭގައި އަހުމަދު ސައީދު، އަހުމަދު އީސަ (އާނަންދު)، މުހައްމަދު މުސްތޮފާ (މުސްތޮ)، އަލީ އާޒިމް (ދޮން އައްޔަ)، ފުބޫގެ އިތުރުން ނާޝިދާ (ނާއްކޮ)، ނަތާޝާ ޖަލީލް، ފައިސަލް އަދި ޝިޔާ އާއި ޝިފާ ފަދަ ފަންނާނުން ހިމެނެ އެވެ.
އޭގެ އިތުރުން އިރުފާނާ ، އަޒްމީލް، ނޫރާ އަދި ދޮނާ ފަދަ ތަރިންގެ އެކްޓިން ފެނިގެންދާނެ ކަމަށް އައްޔަ ވަނީ ބުނެފަ އެވެ.
ރީތި އެތައް ފިލްމުތަކެއް ވެސް ޑައިރެކްޓްކޮށް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޔޫއްޕެގެ "ހުވާކޮށްފާ ބުނަން"ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ހުޅުމާލޭގަ އެވެ.