ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސައުތުގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައި ދިހަ ބަހުރުވައަކުން ނެރެން ހަމަޖެހިއްޖެ އެވެ.

ކޮވިޑަށް ފަހު ސައުތު އިންޑިއަން ސިނަމާތަކުގައި އެޅުވި ފުރަތަމަ ފިލްމަކީ އައްލޫ އަރުޖުންގެ "ޕުޝްޕާ" އެވެ. އަދި އެ ފިލްމު ރިލީޒްވުމާ އެކު ގިނަ ބައެއްގެ ތަރުހީބު ފިލްމަށް ލިބި މަދު ދުވަސްކޮޅެއްގެ ތެރޭގައި ސުޕާހިޓަކަށް ފިލްމުވި އެވެ.

އެއާއެކު ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ޕުޝްޕާ ފިލްމުގެ ދެވަނަ ބައިވެސް ނެރުމަށް ނިންމާފަ އެވެ. އަދި މިދިޔަ މަހު ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން ފަށަން ޕްރޮޑަކްޝަނުން ނިންމި އެވެ.

ޕުޝްޕާގެ ދެވަނަ ބައިން ވެސް ބަތަލުގެ ރޯލުން ފެނިގެން ދާނީ އަރުޖުން އެވެ. ފިލްމުގެ ފުރަތަމަ ބައި އިންޑިއާގެ ފަސް ބަހަކުން ރިލީޒްކޮށްފައިވާއިރު، ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް، ކަންނަޑާ މި ފަސް ބަހުން އެ ފިލްމު ސިނަމާތަކުގައި އަޅުވާފައިވެ އެވެ.

އެގޮތުން މިފަހަރު ނެރެން ހަމަޖެހިފައިވާ ޕުޝްޕާގެ ދެވަނަ ބައިކަމަށްވާ، ޕުޝްޕާ: ދަ ރޫލް، ދިހަ ބަހުރުވައަކުން ނެރެން ހަމަޖެހިފައިވާކަމަށް ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ. އޭގެ އިތުރުން އަންނަ އަހަރުގެ އޮގަސްޓު މަހު އެ ފިލްމު ރިލީޒް ކުރަން މަސައްކަތް ކުރާކަމަށް ޕްރޮޑަކްޝަނުން މައުލޫމާތު ދީފައިވެ އެވެ.

ޕުޝްޕާގެ ފުރަތަމަ ބައިގެ އަންހެން ލީޑްރޯލުން ފެނިގެން ދިޔައީ ރަޝްމިކާ މަންޑަންނާ އެވެ. އަރުޖުން އާއި ރަޝްމިކާގެ ޖޯޑަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.