ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ މިނިވަންކަން ނުގެއްލޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ދެއްވި ހިޔާބުގައި ވިދާޅުވީ މިނިވަންކަމަށްޓަކައި ޤައުމެއްގެ ދާހިލީ، އަދި ހާރިޖީ ސިޔާސަތުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ތަރައްގީއާއި، ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތެއް ކަމަށާއި ދިވެހި ދައުލަތް އޭގެ ކީރިތިކަމާއި، މޫރިތި ކަމާއެކު ހިނގަމުން މިދަނީ ، އަބަދުމެ ފުރިހަމަ މިނިވަންކަމާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމެއްގެ ސިޔާދަތީ މިނިވަންކަމަކީ، ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ ޢާއިލާއާއެކު، ގުޅިގެން އުޅުމަށް ލިބޭ އެންމެ ބޮޑު ފަހިކަން. މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތް ހަމަ، ހަރުދަނާ ސިޔާސަތެއް. ގައުމުތަކާއެކު އޮންނަ ގުޅުންތައް، މިހާރު ބަދަހި. ބައިނަލްއަގްވާމީ މަސްރަޙުގައި ރާއްޖެ އަދާކުރާ ދައުރު، މިކަންކަމަށް ހެކިވެދޭ. އަޅުގަނޑުމެންގެ ހާރިޖީ ތަރުތީބު އަބަދުވެސް ހިނގާންޖެހޭނީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، އެންމެ މަންފާ ބޮޑު ގޮތުގައި." ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ އެންމެ އިސް ޒިންމާއަކީ، މި ގައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދަމަހައްޓައި، ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން، ރެޔާ ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެ މަސައްކަތް. އެތެރެއާއި ބޭރުން ނުރައްކާކޮށްފާނެ ކޮންމެ ޙާލަތަކަށް، އަބަދާ އަބަދު ހޭލާ ތިބެނީ، ރާއްޖޭގެ ސިފައިންނާއި ފުލުހުން. އެބޭފުޅުންގެ މުޤައްދަސް ޤައުމީ ވާޖިބު އަދާކުރެއްވުމުގައި، ހިމަ ނަރެއްގެ ޖާގަ ދެއްވުމަށްވެސް، ތައްޔާރެއް ނޫން. އަދި އެންމެ އެސްފިޔައެއް ޖަހާލާނެހާ ވަގުތުކޮޅެއްވެސް، އެބޭފުޅުން އިސްރާފެއް ނުކުރައްވާ. ނަތީޖާއަކީ އޭރުވެސް، މިހާރުވެސް، އަދި އިރާދަކުރެއްވިއްޔާ ތާއަބަދަށްވެސް، މިނިވަން ދިވެހިރާއްޖެ، މިނިވަންކަމުގައި ދެމިއޮތުން،" ރައީސް ވިދާޅުވި އެވެ.
މުޖުތަމަޢުގެ ބައިބައިވުމާއި، ދެބަސްވުމާއި، ހަމަނުޖެހުމާއި، ހައިޖާނަކީ ގައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށާއި ޢާއިލާތެރެއިން ފެށިގެން ދިރިއުޅޭ މާޙައުލާއި، ރަށާއި، އަތޮޅާއި، މުޅި ޤައުމުގައިވެސް ހަމަޖެހުން އޮންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިނިވަންކަމާ ގުޅޭގޮތުން ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ އިންޑިއާއަށް ފަހިވާގޮތަށެވެ. އަދި ޜާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިންދަނީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންނެވެ.