ގައުމެއްގައި އަމަން އަމާންކަން ކަށަވަރުވެ ހަމަޖެހުމާއި މަސްލަހަތު ގާއިމްވެ ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެމުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް ކަމަށާއި އޭގެ މައްޗަށް ބިނާކުރެވިފައިވާ ޝަރުއީ އަދި ގާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއް ނަމަ އެމުޖުތަމައަކީ ފުރިހަމަ ފާގަތި އަމާން މުޖުތަމައަކަށް ވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ހޯމް މިނިސްޓްރީން ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމައެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކާއެކު ބަދަހިކޮށް ބޭއްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ފުރިހަމަ އަދި ޝާމިލް ގާނޫނެއް އޮތުން ކަމަށާއި އެއަށްފަހު ފުރިހަމަކޮށް ވަށާޖެހޭ ގޮތަށް އެގާނޫނު ތަންފީޒު ކުރުން ކަމަށް ގާނޫނީ އިލްމުވެރިން ވިދާޅުވާ ކަމަށެވެ. އަދި އޭގެ މައްޗަށް އެ މުޖުތަމައެއްގެ އަހުލުވެރިން އަހުލުވެރިވެ ހަރުދަނާ ވުން ކަމަށާއި އެގޮތުން ގައުމުތައް ކުރިއަރައި އިންސާނުންނަށް ރަނގަޅު މަގުދައްކައިދޭ ތަންތަނަށް ވެގެންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"ގައުމުގައި އަމަން އަމާންކަން ކަށަވަރުވެ،ހަމަޖެހުމާ މަސްލަހަތު ގާއިމްވެ،ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެ މުޖުތަމައުއެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް. އޭގެ މައްޗަށް މުޖުތަމައު ބިނާކުރެވިފައިވާ ޝަރުއީ އަދި ގާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ އެ މުޖުތަމައު އަކީ ފުރިހަމަ ފާގަތި މުޖުތަމައެއް" އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްކުށަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.
އެކަމަށް ހައްލެއް ގެނައުމަށްޓަކައި 2019 އިން ފެށިގެން ކުރައްވަމުން އަންނަ މަސައްކަތް، އެއް މަސައްކަތުގެ މައްޗަށް އަނެއް މަސައްކަތް ބިނާކުރަމުން ތަރުތީބު ކުރަމުން އައިސް ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކަޑައްތު ކުރާނެ މަރުހަލާތަކުގެ ތެރެއިން ގާތްގަނޑަކަށް ހަތަރުވަނަ މަރުހަލާގެ ގޮތުގައި ބިނާ ކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅިގެންދާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހޯރަފުށީގައި މިއަދު ބިންގާ އެޅިގެންދިޔަ ހާފްވޭ ހައުސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީ ކޮޅު ނިމިގެންދާނެ ކަމަށާއި އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ ހިސާބު ކަމަށެވެ.
އިމްރާން ވިދާޅުވީ ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ ވަރަށް ގިނަކަންކަން ފެއިލް ވެގެން ކަމަށާއި ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުއީ ގާނޫނީ އަދަބެއް އަންނަނީ ހަރަރުވަނައަށް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނުވަތަ 3 ކަމެއް ފުރިހަމައަށް އަދާ ނުކުރެވުނީމަ ކަމަށެވެ.
އެގޮތުން ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ހިފަހައްޓަންޖެހޭ ފަރުދީ އަދި ގާނޫނީ ހަމަތަކެއް ހުންނަ ކަމަށާއި އިންސާނާ އޭނަގެ އުމުރުގެ ތަފާތު ހާލަތްތަކުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން އޭނަގެ އަމިއްލަ ނަފްސު ހަމަތަކުގައި ނުހިފެހެއްޓި ފެއިލްވެއްޖެއްޔާ ފުރަތަމަ ލެވެލް ފަހަނައަޅައި ދިޔައީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާއާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލާ އެންމެން ގުޅިގެން އެފަރުދަކު މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ޙާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ހޯރަފުށީގައި ގާއިމް ކުރުމަށްޓަކައި މިއަދު ބިންގާ އެޅުނު ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.
ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.
އެމްޓީސީސީއާ ހަވާލު ކޮށްގެން ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސް އަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ ތަނެކެވެ.