ކުޑަކަމުދާން ޖެހި، އަވަސް އަވަހަށް ރޭގަނޑު ނިދިން ހޭލެވުމަކީ އާންމު ކަމަކަށް ވެފައިވާ ނަމަ އެއީ ލޮނު ހުންނަ ކާނާ މާގިނައިން ކާތީ ދިމާވާ ކަމަކަށް ވެދާނެ ކަމަށް ޖަޕާނުގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފި އެވެ.

"ނޮކްޗޫރިއާ" ކިޔާ މި މައްސަލަ އާންމުކޮށް ދިމާވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ. މިއީ ނިދި ގެއްލި ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާ ކަމެކެވެ.

މިކަމާ ބެހޭ ގޮތުން، 300 އަށް ވުރެ ގިނަ މީހުން ބޭނުންކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ކާނާގައި ލޮނުގެ މިންވަރު މަދުކޮށްލުމުން ކުޑަކަމުދާން ޖެހޭ މިންވަރު މަދުވެ އެވެ. ޑޮކްޓަރުން ވިދާޅުވަނީ މިއީ ރަނގަޅު ކާނާ ކެއުމުން މި މައްސަލައަށް ހައްލެއް ހޯދޭނެ ކަމުގެ އުންމީދެއް ކަމަށެވެ.

މި ދިރާސާ ކުރުމަށް، ރޭގަނޑު މާގިނައިން ފާހާނާއަށް ދާން ޖެހޭ މައްސަލަ ހުންނަ މީހުންގެ ކެއުމުގައި ލޮނު މަދުކޮށް، އަންނަ ބަދަލުތައް ތިން މަސް ދުވަސް ވަންދެން ބެލި އެވެ. މިގޮތަށް ބެލުމުން އެނގުނު ގޮތުގައި ކޮންމެ ރެޔަކު ދެ ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ކުޑަކަމުދާން ޖެހުނު މީހުންގެ އެ އަދަދު އެވްރެޖްކޮށް އެއް ފަހަރަށް ބަދަލުވި އެވެ.

ދިރާސާގައި ބައިވެރިވެރިކުރި މީހުންގެ ތެރެއިން 98 މީހަކު ވަނީ ދިރާސާގެ މުއްދަތުގެ ތެރޭގައި ލޮނު ތަކެތި ގިނައިން ކާން ފަށައިފަ އެވެ. އަދި އެ މީހުންނަށް ވަނީ ގިނައިން ފާހާނާއަށް ދާން ޖެހިފަ އެވެ.

ރޭގަނޑު އަވަސް އަވަހަށް ކުޑަކަމުދާން ޖެހޭ މައްސަލަ، އުމުރުން 50 އަހަރުން މަތީގެ އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ކުރިމަތިވެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް މި މައްސަލަ ބޮޑެވެ.

އިނގިރޭސި ވިލާތުގައި ލަފާ ދީފައި އޮންނަނީ ކޮންމެ ދުވަހަކު ހަ ގްރާމްގެ ލޮނަށް ވުރެ ގިނައިން ބޭނުން ނުކުރުމަށެވެ. އަދި ކުޑަކުދިންނަށް ދެތިން ގްރާމަށް ވުރެ ގިނަ ނުވާ މިންވަރެވެ. އަދި 7-10 އަހަރާ ދެމެދުގެ ކުދިންނަށް ފަސް ގްރާމަށް ވުރެ ގިނަ ނުވާ މިންވަރަކަށެވެ.