މޫސުމަށް އަންނަ ބަދަލުތަކާއެކު ރޯގާ ޖެހުމަކީ ބައެއް ފަހަރު އާންމު ކަމެކެވެ. ނަމަވެސް ތިބާ އަކީ މާ ގިނަ ގިނައިން އަރިދަފުސް ރޯޖާ ޖެހޭ މީހެއް ކަމުގައިވާނަމަ އެހެން އެކަން ދިމާވަނީ މި ސަބަބުތަކާހެދި ކަމަށް ވެދާނެ އެވެ.
ރަނގަޅަށް އަތް ނުދޮވުން
އާއްމު އަރިދަފުސް ރޯގާގެ ވައިރަހަކީ ވަރަށް ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ވައިރަހެކެވެ. އެ ވައިރަސް ދަތުރު ކުރުމުގެ އެއް ޒަރީއާއަށް ވެފައި އޮންނަނީ އަތެވެ. ރޯގާ ޖެހިފައި ހުރި މީހަކު އަތް ލާފައި ހުރި ތަނެއްގައި އަތް ލުމުން އަތުގެ ޒަރީއާއިން އެ ވައިރަސް ފެތުރޭގޮތް މެދުވެރިވެ އެވެ.
ދިފާއީ ނިޒާމް ބަލިކަށިވުން
ބައެއް ފަހަރު މާ ގިނައިން އަރިދަފުސް ރޯގާފަދަ އާންމު ބަލިތައް ޖެހޭނަމަ ސަބަބަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުން ކަމުގައިވެސް ވެދާނެ އެވެ. އެހެންކަމުން މާ ގިނަ ގިނައިން ބަލިވާނަމަ ޑޮކްޓަރަކަށް ދެއްކުން ނުވަތަ ސިއްހީ ޗެކަޕެއް ހަދާލުން ރަނގަޅެވެ.
ފެން ބުއިން މަދުވުން
ހަށިގަނޑަށް ފެން މަދުން ލިބޭނަމަ ދިފާއީ ނިޒާމް ބަލިކަށިވެ އާންމު ބަލިތަކަށް ފުރުސަތު ބޮޑުވެ އެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް އަބަދުވެސް ފެންބުއިމަށް އާދަކުރުން މުހިއްމެވެ.