ރާއްޖެއާއި އިންޑިއާއާ ދެމެދު ހަ ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅު ހައިދަރުއާބާދު ހައުސްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ދެ ޤައުމުގެ ދެމެދު ބަދަލުކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ސޯލިހުގެ ކުރިފުޅުމަތީގަ އެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" އަކީ ދެ ގައުމުގެ ދެމެދުގައި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅިފައިވާ އެހެނިހެން މުވައްޒަފުންނަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮ ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ސައިބާ ސެކިއުރިޓީ" އަކީ ދެ ގައުމުގެ ދެމެދުގައި ސައިބާ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ އިންޑިއަން މިނިސްޓްރީ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް އެންޑް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ސައިބާ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން އިތުރުކުރުމާއި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް މަޢުލޫމާތު ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރެއްވި "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ކޮލެބޮރޭޝަން އިން ޕޮޓެންޝަލް ފިޝިން ޒޯން ފޯކާސްޓް ކެޕޭސިޓީ ބިލްޑިން" އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އާތު ސައިންސަސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ދެން ބަދަލުކުރެއްވި އެއްބަސްވުން، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޑިޒާސްޓަ މެނޭޖްމަންޓް" އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސް އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ކާރިސާގެ ޙާލަތްތައް ބެލެހެއްޓުމުގައި ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު، ޕޮލިސް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ވަނީ ސޮއިކުރެވިފަ އެވެ.
މީގެ އިތުރުން، ހުޅުމާލޭގައި އިތުރު 2،000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް 119 މިލިއަން އެމެރިކާ ޑޮލަރުގެ ލެޓާ އޮފް އިންޓެންޓް އޮން ބަޔާސް ކްރެޑިޓް ފަންޑިން އެޕްރޫވަލް އެއްބަސްވުމެއްގައި ރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ވަނީ ސޮއިކުރެވިފަ އެވެ.
ދެ ޤައުމުގެ ދެމެދު ވެވުނު އެއްބަސްވުންތައް ބަދަލުކުރުމަށްފަހު ދެ ގައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ އުމްރާނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑީއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ ތިލަމާލޭ ބްރިޖުގެ މަޝްރޫޢާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތަކީ ދެ ގައުމުގެ ދެމެދު އޮތް ގާތް އެކުވެރިކަން ރަމްޒުކޮށްދޭ މުހިއްމު ދެ މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.