ވޮޝިންޓަން (03 އޮގަސްޓް) - އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގައި އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލުމާއެކު އެގައުމަށް ޓެރަރިސްޓް ހަމަލާތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެގައުމުގެ ހާރިޖީ ވުޒާރާއިން އާއްމުންނަށް އިންޒާރު ދީފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑުވެފައިވާ ކަމަށާއި ހާއްސަކޮށް ޒަވާހިރީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއަށް ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެގޮތުން އެމެރިކާއަށް ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ރާވަމުން އަންނަ ކަމުގެ އިންޓަލިޖަންސް މައުލޫމާތު ލިބިފައިވާ ކަމަށާއި މި ހަމަލާތަކުގެ ތެރޭގައި މިސައިލް ހަމަލާތަކާއި ގަތުލު ކުރުންތަކުގެ އިތުރުން ފްލައިޓް ހައިޖެކް ކުރުން ފަދަ ކަންކަން ހިމެނޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަލްގައިދާއާއި ޓެރަރިޒަމްއަށް ތާއީދުކުރާ ފަރާތްތަކުން އެމެރިކާގެ އެކި ހިސާބުތަކުގައި ހަމަލާތައް ދޭން މަސައްކަތް ކޮށްފާނެ ކަމަށް ބުނަމުން ސަރުކާރުން ވަނީ އާއްމުން މިކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފަ އެވެ.

އެމެރިކާ ސަރުކާރުން ހިންގި އޮޕަރޭޝަނެއްގައި ޒަވާހިރީ މަރާލާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އަފްޣާނިސްތާނުގައި އޭނާ ދިރިއުޅެމުން އައި ގޭގެ ބެލްކަންޏަށް ނުކުތް ވަގުތު އެވެ.

ޒަވާހިރީ މަރާލިކަން އެމެރިކާގެ ރައީސް ޖޯ ބައިޑަށް ކަށަަވަރު ކޮށްދިން އިރު އަލްގައިދާގެ ހަރަކާތްތައް އެމެރިކާއިން ވަރަށް ގާތުން ބަލަމުން ދާކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ