ބަރުދަން ލުއި ކުުރުމަށް ކުރާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުލިބި ހިތްވަރު އެލުވާލާ މީހުން ވަރަށް ގިނަ އެވެ. މިފަހަރު މިއޮތީ އެފަދަ މީހުންނަށް ކުރު މުއްދަތުގައި ބަރުދަން ލުއި ކޮށްލަން އޮތް ބައެއް އުކުޅު ތަކެވެ. ބޭނުން ވަނީ ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލު ކޮށްލުމެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނަތީޖާ ފެންނަން ފަށާނެ އެވެ.

ގިނައިން ފެން ބުއިން

ދުވަސް ފެށުމަށް އެކެއް ނުވަތަ ދެ ފެންތަށި ބޯލާށެވެ. ދިރާސާތަކުން ދައްކާގޮތުގައި ހެނދުނުގެ ފުރަތަމަ ބުއިމަކަށް ފެން ބޭނުން ކޮށްފިނަމަ ހަށިގަނޑުގައިވާ ވިހަ ގޭސްތައް ބޭރުކޮށްލަ އެވެ. މީގެ އިތުރުންވެސް ހެނދުނު ފެން ބޮއެފިނަމަ، ބަނޑުހައިވުމުން ދުރުކޮށްދީ، ބޭކާރު ކެއުންތައް ކެއުމުންވެސް ދުރުކޮށްދެ އެވެ.

ކެއުމަށްފަހު ހިނގާލުން

ކެއުމަށްފަހު ބަނޑު ދަމަން އޮށޯތުމުގެ ބަދަލުގައި ދިހަ ވަރަކަށް މިނިޓް ވަންދެން ހިނގާލުމަކީ އެންމެ ރަނގަޅު ގޮތެވެ. މިކަމުގެ ސަބަބުން ހަށިގަނޑުން ސަރުބީ ވިރި، ހަޖަމް ކުރުމަށް އެތައް ފަސޭހަތަކެއްވެ އެވެ. ދުވާލަކު 30 މިނިޓް ދުވުމަށްވުރެ މިކަމަކީ މާ ފައިދާހުރި ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

ފައިބާ ގިނަ ކެއުންތައް ކެއުން

ފައިބާ ގިނަ ކެއުންތަކަކީ ސިއްޙަތަށް ފައިދާހުރި، ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި އެއީ ހަކަތަ ގިނަ، ކެލޮރީ މަދު މާއްދާއެކެވެ. އެހެންކަމުން ހެނދުނުގެ ނާސްތާގައި ފައިބާގެ ބާވަތްތައް އެކުލެވޭ ކެއުންތައް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

ކަސްރަތު ކުރުން

ކަސްރަތު ކުރަން ހާއްސަކޮށްގެން ޖިމްއަކަށް ނުދިޔަ ނަމަވެސް ގޭގައި ކޮށްލެވޭ ކުދިކުދި ކަސްރަތު ތަކަކީ ވެސް އޭގެ ނަތީޖާ ފެންނާނެ ކަސްރަތު ތަކެކެވެ. ކެތްތެރިކަމާއެކު ކުރިއަށް ދާށެވެ.