ވިއެނާ (4 އޮގަސްޓް) އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް އަލުން ފަށަން އެ އެއްބަސްވުމުގެ ބައިވެރިން ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެގޮތުން އެއްބަސްވުމުގެ މައިގަނޑު ބައިވެރިން ކަމަށްވާ އެމެރިކާ، އީރާން އަދި އީޔޫ އިން ވަނީ އެ ފަރާތްތައް ތަމްސީލްކުރާ ސަފީރުން މަޝްވަރާތައް އޮންނަ އޮސްޓްރިއާގެ ވިއެނާއަށް ފޮނުވައިފަ އެވެ.

ނިއުކްލިއާ މަޝްވަރާތައް އަލުން ފަށަން ތައްޔާރުވަމުން އެ އަންނަނީ މިިދިޔަ އަހަރު ކުރިއަށް ގެންދިޔަ މަޝްވަރާތައް މެދުކެނޑިފައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު އެވެ.

އީރާންގެ ނިއުކްލިއާ އެއްބަސްވުމަކީ އީރާނާ ދެކޮޅަށް ހުޅަނގާއި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމުގެ ބަދަލުގައި އީރާނުގެ ނިއުކްލިއާ ޕްރޮގުރާމް މަޑު ޖައްސާލަން އެއްބަސްވެ 2015 ވަނަ އަހަރު އެ ގައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެއްބަސްވުމާ ޚިލާފުވެ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާ އެކު އީރާނުން ވެސް ވަނީ ނިއުކްލިއާ ހަރަކާތްތައް އިތުރު ކޮށްފަ އެވެ.

އެހެން ނަމަވެސް މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެއްބަސްވުން އަލުން އިޔާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައި އެކަމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

މަޝްވަރާތަކާ ގުޅިގެން އީރާނުން ވަނީ ހުޅަނގުން ކިތަންމެ ވަރަކަށް ބާރުއެޅި ނަމަވެސް އަވަސް އަރުވާލައިގެން އެއްބަސްވުން ނުނިންމާނެ ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ