ވަޒީފާގެ މާހައުލުގައި އުޅެން ޖެހޭ މީހުން ގިނައިރު އެއްތަނެއްގައި އިށީންދެ އިނދެ މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ އެވެ. ލޮޑުުވުމާއި ބަރުދަން އިތުރުވުމުގެ އިތުރުން ހުޅުތަކުގައި ރިއްސުމަކީ މިފަދަ މީހުންނަށް އާއްމުކޮށް ކުރިމަތިވާ މައްސަލަތަކެވެ.

މި ލިޔުމުގައި މި ބަލާލަނީ ގިނައިރު އިށީންދެގެން އިިންނަން ޖެހޭނަމަ ލިބޭ ގެއްލުންތައް ކުޑަ ކުރެވިދާނެ ބައެއް ގޮތްގޮތަށެވެ.

ކޮންމެ 30 މިނެޓަކުން ތެދުވެލާ

ކުރަން ޖެހިފައި ހުރި މަސައްކަތްތައް ގިނަކަމުން އަހަރުމެން އިށީންދެގެން އިންނަ ގޮނޑިން ތެދުވެލަން ވެސް އޮންނަނީ ވަގުތު ނުވެފަ އެވެ. ނަމަވެސް ކޮންމެ 30 މިނެޓަކުން ގޮނޑިން ތެދުވެ، ހަށިގަނޑު ދަމާލައި ހަރަކާތް ކޮށްލުމަކީ ލޮޑުވުނު ކުޑަވާނެ ކަމެކެވެ.

ފޯނުން ވާހަކަ ދައްކާއިރު ކުޑަކޮށް ހިނގާލާ

ވަޒީފާގެ މާހައުލުގައި ފޯނުކޯލުތަކަކީ އާއްމު ކަމެކެވެ. މިއީ ކަސްރަތު ލިބިގަތުމަށް ވެސް ރަނގަޅު ފުރުސަތެކެވެ. ފޯނުން ވާހަކަ ދައްކާއިރު އެއްތަނެއްގައި މަޑުން ނުހުރެ ކުޑަކޮށް ހިނގާލުމަކީ ކަސްރަތު ލިބިގެންދާނެ ކަމެކެވެ.

ތެދުވެ ހުންނަން ޖެހޭ މޭޒެއް ބޭނުންކުރޭ

މެއާ ހަމައަށް ފާރުގައި ހަރުކޮށްފައި ހުންނަ މޭޒެއް އޮފީސް ތެރޭގައި ބޭނުން ކުރުމަކީ އިށީންދެގެން އިންނަން ޖެހޭ ވަގުތު ވަރަށް ކުޑަކޮށްދޭނެ ކަމެކެވެ. އެއާއެކު އެއީ އިށީންދެގެން އިނުމުން ލިބޭ ގެއްލުންތައް ވެސް ކުޑަކޮށްދޭނެ ކަމެކެވެ.