އެމެރިކާގެ ނިއު ޔޯކްގައި ރެސްޓޯރެންޓަކަށް ހިދުމަތް ހޯދަން ދިޔަ މީހަކު އެތަނުގެ ވެއިޓަރެއް ގަޔަށް ބަޑި ޖެހުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.
މި ހާދިސާ ހިނގީ ނިއު ޔޯކްގެ މެކް ޑޮނަލްޑްސް ރެސްޓޯރެންޓް އައުޓްލެޓެއްގަ އެވެ. މަންމައާއެކު އެ ރެސްޓޯރެންޓަށް ދިޔަ މީހާ ވެއިޓަރު ގަޔަށް ބަޑި ޖެހި ކަމަށް ބުނެވެނީ މަންމައަށް ލިބުނު ފްރެންޗް ފްރައިސްތައް ފިނިވެފައި ހުރުމުންނެވެ.
އެގޮތުން ވެއިޓަރާއި އެ އަންހެން މީހާގެ މެދުގައި ހިނގި ދެބަސްވުން ހޫނުވެ އަންހެން މީހާގެ ދަރިފުޅު އައިސް ވެއިޓަރު ގަޔަށް ބަޑި ޖެހީ އެވެ.
އުމުރުން 21 އަހަރުގެ މައިކަލް މޯގަން ނަމަކަށް ކިޔާ އެ މީހާއަށް މިހާރު ވަނީ ގަސްދުގައި މީހަކު މަރަން އުޅުމުގެ ދައުވާ އުފުލާފަ އެވެ.
މި ހާދިސާގައި ޒަހަމްވި މީހާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދާއިރު އެ މީހާގެ ހާލު ސީރިއަސް ކަމަށް ރިޕޯޯޓްތައް ބުނެ އެވެ.
އެމެރިކާގައި ބަޑީގެ ހަަމަލާތައް މިފަހަކަށް އައިސް އިތުރު ވެފައިވާއިރު މިހަމަލާ ތަކުގައި ކުށެއް ނެތް އެތައް އާއްމުންގެ ފުރާނަ ވެސް ވަނީ ގެއްލިފަ އެވެ.
ބެލެވޭ ގޮތުގައި އެމެރިކާގެ ކޮންމެ 100 މީހަކަށް 120 ބަޑި އެގައުމުގައި ގެންގުޅެވެ އެވެ.