ހެނދުނުގެ ނާސްތާއަކީ ގިނައިރު ތަކެއް ވަންދެން ހައިބަނޑާ ހުރުމަށްފަހު ކެވޭ ފުރަތަމަ ކެއުމަށް ވެފައި ދުވަސް ފެށުމުގެ ގޮތުން ވެސް ކެވޭ ކެއުމަށްވާތީ މި ނާސްތާގައި ބޭނުން ކުރެވޭ ބާވަތްތަކަކީ އޭގެ ސީދާ އަސަރު ސިއްހަތަށް ކުރާނެ ކަމެކެވެ.

އެގޮތުން ހެނދުނުގެ ނާސްތާގައި ހަކުރުގެ ބާވަތްތައް މާ ގިނައިން ހިމެނުމަކީ ހަކުރު ބަލިފަދަ ދާއިމީ ބަލިތަކަށް މަގުފަހި ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ހަކުރަކީ ހެނދުނުގެ ސައިގައި ވަރަށް މަދުންނޫނީ ބޭނުން ކޮށްގެން ނުވާނެ އެއްޗެކެވެ. ސަބަބަކީ މި ގަޑީގައި ހަކުރު ބޭނުންކުރާނަމަ ލޭ ގައި ހަކުރު އެކުލެވޭ މިންވަރު އިތުރުވެ ގިނަ މައްސަލަތަކަކަށް މަގުފަހިކޮށްދޭތީ އެވެ.

ތިރީގައި މި ބަލާލަނީ މިގޮތުން ހެނދުނުގެ ނާސްތާގައި ކޮންޓްރޯލް ކުރަންވީ ބައެއް ބާވަތްތަކަށެވެ.

ހަކުރުލީ ސީރިއަލްސް

ބައެއް ވައްތަރުގެ ސީރިއަލް ތަކުގައި އަނގައަށް މީރު ކޮށްލުމުގެ ގޮތުން ހަކުރު އެއްކޮށްފައި ހުރެ އެވެ. މިފަދަ ހަކުރަކީ ހެނދުނުގެ ނާސްތާގައި ހިމެނުން ރަނގަޅު ނޫން އެއްޗެކެވެ. އެންމެ ރަނގަޅު ގޮތަކީ މި ބާވަތުގެ ސީރިއަލް ގެ ބަދަލުގައި ހަކުރު އެކުލެވިގެން ނުވާ ފައިބާއާއި ޕްރޮޓީން އެކުލެވިގެންވާ ސީރިއަލް އެއް ބޭނުން ކުރުމެވެ.

ޕޭން ކޭކް

ޕޭން ކޭކު ތަކުގައި ފުދޭ ވަރަށް ވުރެ އިތުރަށް ވެސް ހަކުރު ބޭނުން ކޮށްފައި ހުރުމާއެކު ޕޭން ކޭކަކީ ވެސް ހެނދުނުގެ ސަޔަށް ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ. އޭގެ އިތުރުން މިފަދަ ކޭކުތަކާއެކު ބޭނުން ކުރެވޭ އެކި ޒާތުގެ މެޕަލް ސިރަޕްތަކަކީ ވެސް ހަކުރު ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެވެ.

ޕޭސްޓްރީގެ ބާވަތްތައް

ހަކުރާއި އާދައިގެ ފުށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްގެން ހަދާފައި ހުންނަ މި ތަކެތީގައި ވެސް ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވެ އެވެ. އަނގައަށް ކިތަންމެ މީރަސް އަދި ބަލާލަން ކިތަންމެ ކަމުދާ ގޮތެއް ހުއްޓަސް މިއީ ވެސް ހެނދުނުގެ ނާސްތާއިން އުނިކުރަން ޖެހޭ އެއްޗެކެވެ.

ކްރަމްޕީ އާއި ނަޓެއްލާ

ކްރަމްޕީއާއި ނަޓެއްލާއަކީ އަހަރުމެންގެ ތެރޭގައި، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލް އެއްޗެކެވެ. ޕާނާ ޖަހައިގެން އާންމުކޮށް ބޭނުން ކޮށް އުޅޭ މި ބާވަތްތަކަކީ ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބާވަތްތަކަށް ވުމުން ހެނދުނުގެ ނާސްތާއަށް މިތަކެތި ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.