އަނިޔާވެރިގޮތަކަށް ރޭގައި މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޝާހިލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ބާއްވާފައިވަނީ މީޑިއާތަކާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ. ކޯޓަށް ހާޒިރުކުރުމުން މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރަން ނިންމާފައިވާއިރު، ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވީ ފުލުހުން އެ ގޮތަށް އެދުމުންކަމަށެވެ.

އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައި އޮތްވާ ފެނުނީ ހ. ޝީރީންވިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. އެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 23 އަހަރުގެ އަލީ ޝާހިލް ހައްޔަރުކުރީވެސް އެ އެޕާޓްމަންޓުންނެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއް މަރުގެ ހާދިސާ އެވެ.

އަންހެން ކުއްޖާގެ ހަށިގަނޑު ދުށް މީހަކާ ހަވާލާދީ އެ ނޫސްވެރިޔާ ބުނީ، ބޯ ބުރިކުރުމުގެ އިތުރުން އުޅަނބޮއްޓާ ހިސާބުން އަތް އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ ކަމަށް އެ މީހާ ހަވާލާދީ ނޫސްވެރިޔާ ބުންޏެވެ

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ އަންހެން ކުއްޖާގެ ހަށިގަނޑު ފުލުހުން ބޮޑީ ބޭގަކަށްލައިގެން ގެންދިޔައިރު ވަކި ދެ ބޭގެއް ގެންދިޔަ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ވަކި ގެންދިޔަ ބޭގަކީ އެ އަންހެން ކުއްޖާގެ ބޯ ހިފައިގެން ދިޔަ ބޭގް ކަމަށް އޭނާ ބުންޏެވެ.

ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ނޫސްވެރިޔާ ބުންޏެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ޝާހިލަކީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު ޒުވާން ސްކޭޓަރެކެވެ.

ރޭގެ ވަގުތެއްގައި ޒުވާން އަންހެންކުއްޖަކު މަރައިލި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކުރިކަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް މި މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުން ހާމަނުކުރެ އެވެ.