މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޯން އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މޮޓޯ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް ދިވެހިންނަށް މެލޭޝިއާގައި ބޭނުންކުރެވޭނެ ކަމަށެވެ. އަދި މެލޭޝިއާގެ ލައިސަންސް ވެސް ރާއްޖޭގައި ބޭނުންކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިިރިއުޅޭ ދިވެހިންނަށް ލުއި ފަސޭހަވާނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުމުގެ ހެއްކެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭގޮތް ހެދުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
އެއަށްފަހު މިއަހަރުގެ ތެރޭގައި އދ. ގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ.ވީ.ކާ ސިއޯންއާ ބައްދަލުކުރައްވައި ވެސް މަޝްވަރާ ކުރެއްވި އެވެ. އަދި އެ ބައްދަލުވުމުގައި މިމަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމެވި އެވެ.