ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސަގާފީ މަސަައްކަތްތެރިކަމާއި ގުޅޭ މައުރަޒު “ސަގާފީ މަސައްކަތް ދިރުވުން” ނައިބް ރައީސް ފައިސަލް ނަސީމް ހުޅުއްވައި ދެއްވައިފި އެވެ. މިމައުރަޒު ކުރިއަށް ދަނީ ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލުގަ އެެވެ.
މައުރަޒު ހުޅުއްވައިދެއްވުމަށް ފަހުގައި ނައިބް ރައީސް ފައިސަލް ވަނި މައުރަޒު ބައްލަވާލައްވާފަ އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސަގާފީ މަސައްކަތްތެރި ކަމުގެ މައުރަޒުގައި ވަނީ، ދިވެހިންގެ ސަގާފީ މަސައްކަތްތަކާއި، ދިވެހިންގެ އުފެއްދުންތެރިކަމުގެ ބައެއް ތަކެތި ދައްކާލަން ބަހައްޓާފަ އެވެ. މިގޮތުން ކަނބުރުވެރިކަމާއި ވަޑާމުގެ މަސައްކަތާއި ކަސަބުވިޔުމާއި ރޯނުވެށުން ފަދަ މަސައްކަތްތައް ކުރިއަށްދާގޮތް ވެސް ދައްކާލާފައިވެ އެވެ.
މިމައުރަޒުގެ މަގުސަދަކީ، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކޮށް، އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އަގުހުރި ހުނަރާއި އިލްމު ލިބިގަތުމުގެ ފުރުސަތު، ޒުވާނުނަށް ހޯދައި ދިނުމެވެ.
ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ މިމައުރަޒު ހުޅުއްވައިދެއްވުމުގެ ކުރިން، ނައިބު ރައީސް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފަ އެވެ. މިޒިޔާރަތުގައި އެހޮސްޕިޓަލްގެ ހިދުމަތްތައް ހުރި ގޮތް ބައްލަވާލައްވައި ބަލި މީހުންނާއި ބައްދަލުކޮށްލެއްވި އެވެ. އަދި ހޮސްޕިޓަލްގެ ތަރައްގީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި ހޮސްޕިޓަލްގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވި އެވެ.
މިބައްދަލު ކުރެއްވުމުގައި ނައިބް ރައީސް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތީ ވަރަށް ރަނގަޅު ޓީމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެ ސަރަހައްދުގެ އެންމެ މުހިއްމު ހޮސްޕިޓަލަށް ވާއިރު، ރަށުން ބޭރުން ހޮސްޕިޓަލަށް ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތަަށް ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
މިބައްދަލު ކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ދާޢޫދު ވަނީ، ހޮސްޕިޓަލްގެ ކާމިޔާބީތަކާއި އަދި ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފަ އެވެ.