ކާށި ތެލާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކުގައި ގިނައިން ދެކެވިފައި ހުންނަނީ އެއިން އިސްތަށިގަނޑަށް ކުރާ ފައިދާގެ ވާހަކަ އެކެވެ. އެހެނެއް ކަމަކު އެއީ ސެޗުރޭޓަޑް ފެޓް ގިނަ ތެލަކަށް ވުމުން ސިއްހަތަށް ގެއްލުންކުރާ އެއްޗެއް ކަމަށްވެސް ބުނެވެ އެވެ.

ނަމަވެސް އެންމެ ފަހުން ޔުނިވަރސިޓީ އޮފް ކެބްރިޖްގެ ދިރާސާއަކުން މި ބުނަނީ، ކާށިތެލުގެ ސަބަބުން ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުން ދުރުކޮށް ދޭ ކަމަށެވެ.

ދިރާސާގައި ބުނެފައިވަނީ މިފައިދާ ކާށި ތެލުން ލިބެނީ ކޮންމެ ދުވަހަކު 4 ހަފްތާގެ މުއްދަތަށް ކާށިތެޔޮ ބޭނުން ކުރުމުން ކަމަށެވެ.

އުމުރުން 50 އަހަރާއި 75 އަހަރާ ދެމެދުގެ އުމުރުފުރާގެ 94 ވޮލަންޓިއަރުން ބޭނުން ކޮށްގެން އިނގިރޭސި ވިލާތުގެ ދެ ޕްރޮފެސަރަކު ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ އަށް ބަލާއިރު، އެހެން ބާވަތްތަކުގެ ތެޔޮ ބޭނުން ކުރި މީހުންނާ ޚިލާފަށް ކާށިތެޔޮ ބޭނުން ކުރި މީހުންގެ ލޭގައި ފައިދާ ހުރި ކޮލެސްޓްރޯލް 15 ޕަސެންޓް މައްޗަށް ދިޔަކަން ދިރާސާ ކުރި ފަރާތްތަކަށް ފާހަގަ ކުރެވެ އެވެ.

މި ބާވަތުގެ ކޮލެސްޓްރޯލް އަކީ ހިތުގެ ބަލި ޖެހުމުންނާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ ބާވަތުގެ ކޮލެސްޓްރޯލް އެވެ.

ބީބީސީއަށް ދިން އިންޓަވިއުއެެްގައި ދިރާސާ ހެދި ސައިންސްވެރިން ބުނެފައިވަނީ، މި ދިރިސާގެ މައްޗަށް ހަމަ އެކަނި ބުރަވެ ކެއުމުގައި ކާށިތެޔޮ ބޭނުން ކުރާ މިންވަރަށް ބަދަލު ގެނައުމަކީ އަދި ބުއްދިވެރި ކަމަކަށް ނުވެދާނެ ކަމަށެވެ. ސަބަބަކީ، ދިރާސާ ކުރިއަށް ގެންދިޔައީ ނިސްބަތުން ވަރަށް ކުރު މުއްދަތަކަށް ކަމަށްވާތީ ކަމަށްވެސް ދިރާސާ ކުރި ދެ ސައިންސްވެރިން ބުނެފައިވެ އެވެ.

އެހެން ނަމަވެސް ކެއުމުގައި ކޮންމެވެސް ކާށިތެޔޮ ހިމަނައި އެއިން ކޮލެސްޓްރޯލްއަށް އަންނަ ބަދަލުތައް ޗެކް ކުރުމަކީ ކުރެވިދާނެ ކަމެކެވެ.