ހަށިގަނޑުގައި އާދަޔާ ޚިލާފަށް ކެލްސިއަމް މަދުވެއްޖެނަމަ ކުއްލިއަކަށް ހިތް ހުއްޓިދާނެކަމުގެ ބިރު އެބަ އޮތްކަމަށް ދިރާސާއަކުން ދައްކައިފި އެވެ. ކެލްސިއަމްއަކީ ހުޅުތަކާއި، ހަށިގަނޑުގެ ކަށިތަކާއި ދަތްޕިލަ އަދި ލޭ ހިނގާ ހޮޅިތައް ނުވަތަ ނާރުތަކުގެ ދުޅަހެޔޮ ކަމަށް ވަރަށް ވެސް މުހިއްމު މާއްދާ އެކެވެ.

ފަހުގެ ސިއްހީ ހޯދުންތަކުން ދައްކާގޮތުގައި ހިތްހުއްޓިގެން މަރުވެފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު، 90 ޕަސެންޓް މީހުންނަކީ ހަށިގަނޑުގައި އާދަޔަ ޚިލާފަށް ކެލްސިއަމް މަދު ކަމަށް ފާހަގަ ކުރެވުނު މީހުންނެވެ.

ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ދަށްވާނަމަ އިތުރުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އެބަ ހުއްޓެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ ކެއުމުގައި ކެލްސިއަމް ލިބިދޭ ބާވަތްތައް ބޭނުން ކުރުމެވެ.

ސޯޔާ ނުވަތަ ސޯޔާ މިލްކް

ސޯޔާ މިލްކް ނުވަތަ ސޯޔާ ބީންސް އަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވޭ ބާވަތެކެވެ. މިގެ އިތުރުން ދަގަނޑު، މެގްނީޒިއަމް، ޕްރޮޓީންވެސް އެކުލެވެ އެވެ. މި މާއްދާތަކުން ކަށިތަކުގެ އިތުރުން ލޭ ހިނގާ ހޮޅިތަކުގެ ސިއްހަތު ރަނގަޅު ކޮށްދެ އެވެ.

އޮރެންޖް

އޮރެންޖަކި ނުކައި ދޫކޮށްލާވަރުގެ މޭވާއެއް ނޫނެވެ. ކޮންމެ ދުވަހަކު އާދަވެގެން އޮރެންޖެއް ކެއުމަށް އާދަކުރާށެވެ. ކުޑަ އެންމެ އޮރެންޖެއްގައިވެސް 60 މިލިގްރާމްގެ ކެލްސިއަމް އެކުލެވެ އެެވެ. އޮރެންޖަކީ ވިޓަމިން ސީ އެންމެ ބޮޑަށް ލިއްބައިދޭ އެއް މޭވާއަށް ވާއިރު އަދި އޭގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ ހަށިގަނޑުގެ ސެލްތައް ވަރުގަދަވެސް ކޮށްދެ އެވެ.

އާމަންޑްސް

އާމަންޑް ނުވަތަ އަލްމަންޑަކީ ވަރަށް މަތީ މިންވަރަކަށް ޕްރޮޓީން އެކުލެވޭ ބާވަތެކެވެ. އަދި އެ ކެއުމުން ބަނޑުހައި ހޫނުކަމުން ދުރުކޮށްދެ އެވެ. އާމަންޑްސްގައި ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު ފެޓްސްގެ ބާވަތެއް އެކުލެވެ އެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ. އެއާއެކު ބަރުދަން ލުއިކޮށްދީ ކޮލެސްޓްރޯލް ވެސް ދަށް ކޮށްދެ އެވެ.