ނުކައި ގިނައިރު ވުމުން ކަންކަމާ މާ ބޮޑަށް ރުޅިގަދަ ވާކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ ކުދި ކުދި ކަންކަމާ ވެސް ހިތްހަމަ ނުޖެހޭ ހެއްޔެވެ؟ މިއީ ހަމައެކަނި ތިބާއަށް ދިމާވާ ކަމެއް ކަމަށް ހީވާނަމަ އެއީ ކުށްހީ އެކެވެ. މިއީ ސައިންސުން ވެސް ސާބިތުވެފައިވާ ކަމެކެވެ.

ބަނޑުހައިވެފައި ހުންނަ ގަޑީގައި މީހާގެ ރުޅި ގަދަވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. ކިންގްސް ކޮލެޖް ލަންޑަންގެ ނިއުޓްރިޝަން އަދި ޑައެޓިކްސްއިން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ދަށަށް ދިޔުމުން ހަށިގަނޑުގައި ހުންނަ ކޯޓިސޯލް އަދި އެޑްރެނަލިންގެ މިންވަރު މައްޗަށް ދާނެ ކަމަށެވެ.

ބަނޑުހައިވުމާއި ރުޅިގަދަވުމަށް ސިކުނޑިއަށް މެސެޖް ފޮނުވާ ނިއުރޯންތަކުން ބޭރު ކުރާ ނިއުރޯޕެޕްޓައިޑްސްއަކީ އެކައްޗެކެވެ. އެހެންކަމުން އެއް ކެމިކަލެއްގެ ދެކަމަށް ވެސް ދޫކުރުމުން ބަނޑުހައިވާ ގަޑީގައި ރުޅި ވެސް ގަދަވަނީ އެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ބަނޑުހައިވުމުން ރުޅި އައުން ގާތީ އަންހެނުންނެވެ. އެހެން ނަމަވެސް ސައިންސް ވިސްނުމަކުން ވިސްނާއިރު ބަނޑުހައިވުމުން ރުޅިގަދަވުމުގެ ފުރުސަތު ބޮޑީ ހަޤީގަތުގައި ފިރިހެނުންނަށެވެ. އެއީ ނިއުރޯޕެޕްޓައިޑްސްގެ އަސަރު ބޮޑަށް ކުރުވާ ރިސެޕްޓާތައް ގިނައިން ހުންނަނީ ފިރިހެނުންގެ ސިކުނޑީގައި ކަމަށްވާތީ އެވެ.

އަންހެނުންގެ ހަށިގަނޑުގައި އެސްޓްރޯޖަން ހުންނަ މިންވަރަކުން ނިއުރޯޕެޕްޓައިޑްސްގެ އަސަރުކުރާ މިންވަރު ތަފާތުވެދާނެ ކަމަށާއި، އެހެން ކަމުން އަންހެނެއްގެ ބަޔޮލޮޖިކަލް ސައިކަލްގެ އެކި ހިސާބުތަކުގައި ނިއުރޯޕެޕްޓައިޑްސްގެ އަސަރުކުރާ މިންވަރު ތަފާތުވާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ބަނޑުހައިވެގެން ރުޅިގަދަވުމަކީ އެކަމުގެ ސަބަބުން ޒާތީ ދިރިއުޅުމަށް ވެސް އަސަރުކުރާ ކަމެކެވެ. 2014 ވަނަ އަހަރު ހެދި ދިރާސާއެއް ދައްކާ ގޮތުން ދެމަފިރިންގެ ހަށިގަނޑުގައި ހުންނަ ގުލްކޯޒްގެ މިންވަރު މަދުވުމަކީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވާ ސަބަބެކެވެ.

ބަނޑުހައިވެގެން ރުޅި ގަދަވުމަށް އޮތް ހައްލަކީ ގިނައިން ކެއުމެއް ނޫނެވެ. ކެއުމުގެ ދެގަޑި ދޭތެރޭގައި ވެސް ބަނޑުހައި ވެއްޖެނަމަ ކޮންމެވެސް ކުޑަ ގޮތެއް ހަދާލައިގެން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްގެން ރުޅި މަޑުކުރެވޭނެ އެވެ.