އިސްލާމްދީނަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާ ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރުސްތުމް ހަތަރު މަހަށް ޖަލަލުމަށް ހުކުމް ކުރިއަށް މިއަދު އޭނާ ވަނީ މިނިވަންވެފަ އެވެ. ސަބަބަކީ މިހާތަނަށް އޭނާ ހަ މަސް ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީ އެވެ.

ރުސްތުމް މާތްﷲ އަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރީ ސޯޝަލް މީޑިއާގަ އެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އޭނާއަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އިއްވީ 13 ދުވަހުގެ ޖަލު ހުކުމެކެވެ.

މިފަދަ ބޮޑު ކުށަކަށް ގާނޫނުގައި ކުޑަ އަދަބެއް ކަނޑައަޅާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.