ބްރިޖް އަޅާތީ މާލެ އާއި ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން މަނާ ކޮށްފި އެވެ.

އިންޑިއާގެ އެފްކޮން އާއި ހަވާލުކޮށްގެން މާލެ އާއި ވިލިނގިއްޔާއި ދެމެދު އަޅަން ނިންމާފައިވާ ބުރިޖުގެ މަސައްކަތް ކުރުމަށްޓަކައި ކަނޑޮއޮޅި ބަންދުކުރަން ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާލެ - ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި 15 އޮގަސްޓް 2022 އިން ފެށިގެން ބަންދުކޮށްފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖުލައި ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމަށެވެ. އޭގެފަހުން ގުޅިފަޅާއި ތިލަފުށި ގުޅާލައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ރައީސް ސޯލިހް ކުރިން ވިދާޅުވެފައިވެ އެވެ.