ތެެހްރާން (15 އޮގަސްޓް) - އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަ ކުރަމުން އަންނަ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް މިފަހުން ދިން ވަޅީގެ ހަމަލާތަކަށް ޒިންމާ ނަގަން ޖެހޭނީ ޚުދު އޭނާއާއި އޭނާއަށް ތާއީދުކުރާ ސަޕޯޓަރުން ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން މިހެން ބުނެފައިވަނީ އެ ހަމަލާގެ ތުހުމަތު އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯޕްސްއަށް ކުރެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ. ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 24 އަހަރުގެ ޒުވާނާ ވަނީ އެ ޖަމާއަތުގެ ވިސްނުންތަކަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ހިއްސާ ކޮށްފަ އެވެ.

ރުޝްދީއަށް ދިން ހަމަލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނަސީރު ކަނާނީ ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އެއްވެސް ދީނަކަށް ފުރައްސާރަ ކުރަން އޮތް ފުރުސަތެއް ނޫން ކަމަށާއި ރުޝްދީ އޭނާގެ "ދަ ސަޓާނިކް ވާސަސް"ގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރުޝްދީއަށް ދެވުނު ހަމަލާއާ ގުޅިގެން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކުގެ އިތުރުން އެއްވެސް މައުލޫމާތެއް އީރާނަކަށް ނޭނގޭ" ކަނާނީ ވިދާޅުވި އެވެ.

ސަލްމާން ރުޝްދީއަށް ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އިވެންޓެއްގައި ލެކްޗަރެއް ދެމުން ދަނިކޮށެވެ. އޭނާގެ ގަޔަށް ވަޅިން އެތައް ފަހަރެއްގެ މަތިން ހަމަލާ ދީފައިވެ އެވެ.

މި ހަމަލާތަކާއެކު އެއްރޭ އެއްދުވާ ކޯމާއެއްގައި އޮތުމަށްފަހު މިހާރު ހޭއަރާ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ރުޝްދީގެ އެޖެންޓް މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

ސަލްމާން ރުޝްދީއަކީ އިންޑިއާ ނަސްލަށް ނިސްބަތްވި ނަމަވެސް އެންމެ ކުރީއްސުރެ ވެސް އިނގިރޭސި ވިލާތުގެ ރައްޔިތުކަން ހޯދައި އެގައުމުގައި ދިިރިއުޅެމުން އަންނަ މީހެކެެވެ. އޭނާއަކީ މުސްލިމް އާއިލާއަކަށް ނިސްބަތްވި ނަމަވެސް މިހާރު އެއްވެސް ދީނެއް ގަބޫލުކުރާ މީހެއް ނޫނެވެ. -- އަލް އަރަބިއްޔާ