މޫނު ރީތިކޮށް ބެހެއްޓުމަކީ އެންމެން ވެސް ބޭނުންވާ ކަމެކެވެ. އެކަމަށްޓަކައި ގިނަ ހަރަދުތަކެއް ކޮށް ސެލޫން ތަކުގައި ގިނަ ވަގުތުތަކެއް ވެސް ހޭދަކުރާ ކަމެކެވެ. ނަމަވެސް މިއީ ގޭގައި ވަރަށް ފަސޭހައިން ވެސް ކުރެވިދާނެ ކަމެކެވެ.

ކިއުކަމްބާއަކީ 95 ޕަސެންޓް ފެން އެކުލެވޭ މޭވާއެއް އަކަށްވެފައި ވިޓަމިން ކޭ އަދި ވިޓަމިން ސީ ވެސް އޭގައި ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. އެހެން ކަމުން މޫނުގެ ހަންގަނޑު ރީތިކޮށް ބަހައްޓައި ދިނުމާއި މޫނުމަތި ތާޒާކަންމަތީ ބެހެއްޓުމަށް ކިއުކަމްބާ އެހީވެދެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކިއުކަމްބާ އިން ހަންގަނޑަށް އިތުރު އަލިކަމެއް ގެނެސްދިނުމާއި، އަވީގެ ހޫނުން ހަންގަނޑު އެނދިޔަ ނުދީ ސަލާމަތްކޮށްދެ އެވެ. އަދި އެއިން ހޫނު ގަދަވުމުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދޭއިރު މޫނުގައި ނަގާ އެކި ބާވަތުގެ ބިހި ނުވަތަ އެލާޖިކަށް ވެސް ހައްލު ލިބެ އެވެ. މީގެ އިތުރުން މޫދަށް ގޮސްގެން ނުވަތަ މާގިނައިރު އަވީގައި އުޅުމުން މޫނު އަނދާފައިވާނަމަ ކިއުކަމްބާ މޫނުގައި ހޭކުމުން މޫނުގެ ކުލަ އަލިވެ އެވެ.

ތަފާތު އެކި ކަންކަމުން މޫނުމަތީގެ ހަންގަނޑަށް ބަދަލު އަންނައިރު މޫސުމަށް އަންނަ ބަދަލުތަކާއި، ދިރިިއުޅޭ މާހައުލު ބަދަލުވުމުން ވެސް ހަމަ އެކިހަލަ އަސަރު ކުރެ އެވެ. އެގޮތުން ލޯކައިރި ކަޅުވުމަކީ ވެސް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. ނަމަވެސް ކިއުކަންބާ ބޭނުން ކުރުމުން ލޯކަރި ކަޅުވުމާއި، މޫނު ތެޔޮވުމާއި، ކުރަކި ވުމާއި އަދި ރޫޖެހުމުން ދުރުކޮށްދެ އެވެ.

ކިއުކަންބާ ބޭނުންކޮށްގެން ހަންގަނޑަށް އެކިގޮތް ގޮތުން ފަރުވާ ދެވޭއިރު، ކިއުކަމްބާ މޫނުގައި ހޭކުމަށްފަހު 15 ނުވަތަ 30 މިނެޓް ބަހައްޓަން ޖެހޭނެ އެވެ. މިގޮތަށް ހަފްތާއަކު މަދުވެގެން ދެފަހަރު ކަންތައް ކުރާނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.