ނިއު ދިއްލީ (ޑިސެމްބަރު 2) - އިންޑިއާގެ ހުރިހާ ސްޓޭޓްތަކެއްގެ ހުރި ހުރިހާ ޕޮލިސް ސްޓޭޝަން ތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން އެގައުމުގެ ސްޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސްޕްރީމް ކޯޓުން ބުދަ ދުވަހު އިންޑިއާގެ ހުރިހާ ސްޓޭޓްތަކާއި، ޔޫނިއަށް ޓެރިޓަރީ ސަރުކާރުތަކަށް އަމުރުކޮށް ނެރުނު އަމުރުގައި ވަނީ އެތަންތަނުގައި ހުރި ހުރިހާ ޕޮލިސްޓޭޝަންތަކުގައި ކެމެރާ ހަރުކުކޮށް އެކަން ޔަގީން ކުރުމަށެވެ. ކޮންމެ ސްޓޭޝަނެއްގެ ވަންނަ ދޮރު އަދި ނުކުންނަ ދޮރުގެ އިތުރުން، ކޮރިޑޯއާއި، ރިސެޕްޝަން އޭރިއާއި، ފާޚާނާތަކުގެ ބޭރުގައާއި އެ ސްޓޭޝަންގެ ސަބް އިންސްޕެކްޓަރު އަދި އިންސްޕެކްޓަރު ރޫމްގައި ވެސް ކެމެރާ ހަރުކޮށްފައި ބެހެއްޓުމަށެވެ. އަދި މީގެ އިތުރުން ތަހުގީގު ހިންގާ އިދާރާތަކާއި، މީހުން ހައްޔަރުކުރުމުގެ ބާރުލިބިފައިވާ ތަންތަނުގައި ވެސް ކެމެރާ ހަރުކުރުމަށް އަމުރުކޮށްފައިވެ އެވެ. މީގެ ތެރޭގައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް، ދަ އެންފޯސްމަންޓް ޑައިރެކްޓަރޭޓް އަދި ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ ހިމެނެ އެވެ.

މިއަމުރުގައި އިތުރަށް ވާގޮތުން މި ކެމެރާތަކަކީ ނައިޓް ވިޝަންއަށް ސަޕޯޓްކުރާ ކެމެރާތަކަށް ވާންޖެހޭނެ ކަމަށާޢި އަދި ވީޑިއޯގެ އިތުރުން އޯޑިއޯ ވެސް ރިކޯޑް ކުރެވޭނެ ފެންވަރުގެ ކެމެރާތަކަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މިކެމެރާތަކުން ރިކޯޑް ކުރެވޭ މަންޒަރާއި އަޑު މަދުވެގެން 18 މަސްދުވަސް ވަންދެން ރިކޯޑް ކޮށްފައި ބަހައްޓޭނެ ފަދަ ވަސީލަތްތަށް ވެސް ހޯދުމަށް އަމުރުކޮށްފައިވެ އެވެ. އަދި މިހާރު މާކެޓްގައި 18 މަސްދުވަހަށް ރިކޯޑް ކޮށްފައި ބެހެއްޓޭނެ ވަސީލަތް ނެތްނަމަ މަދުވެގެން އެއް އަހަރު ދުވަހަށް ރިކޯޑިން ބެހެއްޓޭނެ ވަސީލަތްތައް ގަތުމަށް ސްޓޭޓަކާއި، ޔޫނިއަން ޓެރިޓަރީތަކާއި މައި ސަރުކާރަށް އަމުރުކޮށްފައިވެ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނީ މިފަދަ ފިޅަވަޅެއް އެޅުމުގެ ސަބަބުން މިހާރު މިހާރަށް ވުރެ ބޮޑަށް ފުލުހުން ޒިންދާރުވާނެކަމާއި އަދި މިކަމަށް މަރުހަބާކިޔާ ކަމަށެވެ. ނަމަވެސް މިކަންކަން ތަންފީޒް ކުރެވޭނޭ ކަމާމެދު ވަނީ ޝައްކު އުފައްދާފަ އެވެ.

"މިއީ ވަރަށް އުފާވެރި ހަބަރެއް. ބައެއް މައްސަލަތައް ހާއްސަކޮށް ޓެރަރިޒަގެ ކޭސްތައް ބިނާވެފައިވަނީ އަމިއްލަ އިއުތިރާފްގެ މައްޗަށް. އެކަމަކު ގިނަ ފަހަރަށް މިފަދަ އިއުތިރާމް ނަގާފައިވަނީ އެމީހަކަށް ވަރަށް އަނިޔާކޮށްގެން،" ލޯ އެންޑް ކައުންޓަ ޓެރެރިޒަމް އިން އިންޑިއާ ފޮތް ލިޔުނު މަނިޝާ ޝެތީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިއަމުރުގެ ސަބަބުން ފުލުހުންގެ ހައްޔަރުގައި އާންމުކޮށް ކުރާ އަނިޔާތަކަށް ހުއްޓޭނެ އެވެ. ނަމަވެސް މިއަމުރުގެ ރޫހާ އެއްގޮތަށް މިކަންކުރާނެ ކަމާމެދު ޝައްކެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ ލިބެންހުރި މައުލޫމާތަށް ބަލާއިރު 2017 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ބަންދުގައި ތިއްބި މީހުންގެ ތެރެއިން 255 މީހުން ވަނީ މަރުވެފަ އެވެ. އަދި މިމުއްދަތުގައި ކުށް ސާބިތުވެފައިވަނީ އެންމެ ތިން މީހުންނަށެވެ. 2019 ވަނަ އަހަރު ފުލުހުންގެ ބަންދުގައި ތިބި މީހުންގެ ތެރެއިން 85 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް ދައުވާ އުފުލިކަމަށް ފެންނަށް އޮތީ އެންމެ 8 މީހުންނަށެވެ. އަދި މީގެ ތެރެއިން އެއްވެސް މީހަކު ހުކުމާ ހަމަޔަކަށް ނުދެ އެވެ.

ސްޕްރީމްކޯޓްގެ އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ސްޓޭޝަން ތެރޭގައި އަނިޔާކުރުކަމުގެ ސަބަބުން މީހަކަށް ގެއްލުމެއް ނުވަތަ މަރެއް ކުރިމަތިވެއްޖެ ނަމަ ކޮންމެ މީހަކަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމާއި އަދި އިންސާފު ހޯދުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.