އެމްޑީޕީގެ ގައުމީ މަޖިިލިސް އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނާ ދެކޮޅަށް ވާދަކުރެއްވި ފައްޔާޒް އިސްމާއީލް ރައީސް ނަޝީދަށް "އޯކޭ" ވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ފައްޔާޒަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެއީ ހިންގުންތެރި ބޭފުޅެއްކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރަނގަޅަށް ބައްލަވައިފިއްޔާ އެނގިވަޑައިގަންނަވާނެ، ގަލޮޅު ކެނެރީގެ އާއި ބޯގަންވިލާއާ އޮތް ގުޅުން ވެސް" ފައްޔާޒާއި މެދު ދެކޭ ގޮތް ބަދަލުވީ ކީއްވެތޯ ސުވާލު ކުރުމުން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދައުލަތް ހިންގުމުގެ ތެރޭގައި ހުރި ގޯސްތަކުން ނިޒާމު އިސްލާހުކޮށް، ބަރުލަމާނީއަށް ހިންގުން ބަދަލުކުރަން އެންމެން ވެސް އެމަނިކުފާނާ އެކު ތިއްބަވަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގައި ފައްޔާޒްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ފައްޔާޒް "ބްރޯ ހެދިގެން" އުޅުއްވަނީ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ފައްޔާޒަށް ފާޑު ވިދާޅުވެފަ އެވެ. އަދި ފައްޔާޒު މަގާމުން ވަކިކުރުމަށް ވެސް ރައީސް ނަޝީދު ކުރިން މަސައްކަތް ކުރެއްވި އެވެ. .