ސިއްހީ ދާއިރާގެ މީހުން ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރަން ގެނައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ފޯރުކޮށްދީފައި ނުވަނީސް އިތުރަށް ދޫކުރި 500،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އަންގައިފި އެވެ.
ޕީޕީއީގެ ތެރޭގައި ހިމެނޭ ގްލޯވްސް އާއި ގައުންސް ފަދަ ތަކެތި ހޯދަން އަމިއްލަ ފަރާތަކާއެކު ސޮއިކޮށްފައި ވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާއްމުކުރި ހެލްތު މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮވިޑާއި ގުޅާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި 8.9 މިލިއަން ރުފިޔާގެ ތަކެތި އެއްބަސްވުމާ އެއްގޮތަށް ހަވާލުކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ހަވާލުކުރި ތަކެތީގެ ތެރެއިން 55،800 ގައުންސް އާއި 100،450 ޝޫކަވަރާއި 100،450 ހެޑްކަވާ ހަވާލުކޮށްފައިވާ ކަމަށް މި ރިޕޯޓްގައިވެ އެވެ. އަދި މި ތަކެތީގެ އަގަށްވާ 4.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދައްކައިފަ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ފޯރުކޮށްނުދެވޭ ނަމަ އެކަން އަންގަން އެއްބަސްވުމުގައި އޮތަސް އެ ކުންފުނިން މިނިސްޓްރީއަށް އެކަން އެންގީ މަހެއްހާ ދުވަސް ފަހުންނެވެ. އަދި އެ މުއްދަތުގެ ފަހުން ބައެއް ތަކެތި ހަވާލުކޮށްފައި ވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޖުމްލަ ފައިސާގެ ތެރެއިން ބައެއް ކަނޑަންޖެހޭނެ ވެސް ކަމަށް ބުނެފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނި ގޮތުގައި ޕީޕީއީ ގަތުމަށް ހަވާލުކުރި ފަރާތަށް އިތުރަށް ދީފައިވާ 517،915 ރުފިޔާ ދައުލަތަށް ހޯދަން ޖެހެ އެވެ. މި ފައިސާ ނުލިބިއްޖެ ނަމަ އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހޯދައި ޖަމާކުރަން ޖެހޭ އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ ކަަމަށް ވެސް ބުނެފައިވެ އެވެ.