ހަ ސަރަހައްދުގައި އެއާޕޯޓް ތަރައްގީކުރަން ޕްރޮޕޯސަލް ހުށައެޅުމަށް ޕްލޭނިން މިނިސްޓްރީން އަލުން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ދައުވަތު ހުޅުވާލާ ކަމަށެވެ.
ހަ ސަރަހައްދެއްގައި މުޅި އެއަރޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ފަހުން ވަނީ މުޅި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ އެއިން ބައެއް ތަރައްގީކުރުމަށް ފައިނޭންސް ކުރުމަށް ހުށައެޅޭގޮތަށް ބަދަލު ގެނެސްފަ އެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެންމެ މަދުން ހުށައެޅޭނެ އަގު ފަސް މިލިއަނުން ތިން މިލިއަން ޑޮލަރަށް ކުޑަކުރި އެވެ.
ޕްރޮޕޯސަލް ހުށަހަޅަން ސަރުކާރުން ހުޅުވާލީ
- ހދ. މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު
- ށ. ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު
- ބ. ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު
- ތ. ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު
- ފ. މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު
- ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު
ޕްރޮޕޯސަލް ހުށަހަޅާއިރު ފައިނޭންސްކުރުމަށް ހުށަހަޅާ އެއާޕޯޓަކީ ކޮބައިކަން ބަޔާންކުރަންވާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓް ތެރޭގައި އެއާޕޯޓަކަށް ދެވޭވަރަށް އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.
މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް ވަނީ ތަރައްގީކޮށްފަ އެވެ.