ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އެންމެ ފަހު ގެނެސްދިން ފިލްމުތައް ފްލޮޕްވުމުގެ ޒިންމާ ނަގަން ޖެހޭނީ އެ ކުންފުނީގެ ވެރިޔާ އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔަ ޗޯޕްރާ ކަމަށް މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ބުނެފި އެވެ.

އަނޫރާގް އަދިތިޔަށް ވަރަށް ބޮޑަށް ފާޑުކިޔާފައި މިވަނީ ވައިއާރްއެފްއިން ބޮޑު ހަރަދެއް ކޮށްގެން ނެރެފައިވާ ގިނަ ފިލްމުތަކެއް ފްލޮޕްވުމާ ގުޅިގެންނެވެ.

ވައިއާރްއެފްގެ އެންމެ ފަހު ނެރުނު ރަންވީރު ސިންގްގެ "ޖަޔެޝްބައި ޖޯދާރު" އާއި އަކްޝޭ ކުމާރުގެ "ސަމްރަތު ޕްރިތްވިރާޖް" އަދި ރަންބީރު ކަޕޫރުގެ "ޝަމްޝެރާ" ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ގެލަޓާ ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ފިލްމުތަކަށް މިހާރު އަމާޒުވާ ފާޑިޔުންތަކާއި ފިލްމުތައް ނުހިނގައި ބޮޑުތަނުން ފްލޮޕްވަމުންދާތީ އެކަމާ ގުޅުވައިގެން އަނޫރާގް ބުނީ ފިލްމުތައް ހަދަން ރަނގަޅު މީސްމީހުން ވައިއާރްއެފާ ގުޅުނު ނަމަވެސް އެ މީހުންނަށް އަމިއްލަ މިނިވަންކަމާ އެކީ ފިލްމުތައް ހަދަން ނުލިބި، ހުރިހާ ކަމެއް އަދިތިޔާ ކޮންޓްރޯލްކުރާތީ ރަނގަޅު ފިލްމުތައް ހަދަން ހުރަސް އެޅިފައިވެ އެވެ. އަދި ވައިއާރްއެފްގެ މިހާރުގެ އެންމެ ބޮޑު މައްސަލަ އަކީ ހޮލީވުޑް ކޮޕީކުރަން އުޅެން ހަދައިގެން، ބޮޑެތި ބަޖެޓްތަކުން ހަދާ ފިލްމުތަައް ވެސް ފެނަށް ވުމެވެ.

އަނޫރާގް ބުނީ މި އަހަރު ރިލީޒްކުރި ވައިއާރްއެފްގެ "ޝަމްޝޭރާ" އަކީ ހޮލީވުޑްގެ ފިލްމު "މޭޑް މެކްސް: ފިއުރީ ރޯޑް" ހަދަން އުޅެގެން ހާވާފައި އޮތް ހަޑިއެއް ކަމަށާއި ހަމަ އެގޮތަށް 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އަކީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ހަދަން އުޅެގެން ހާވާފައި އޮތް ހަޑިއެއް ކަމަށެވެ.

https://www.youtube.com/watch?v=pZL88FpoOB0&t=1218s

"މައްސަލަ އަކީ މިހާރު އަމިއްލަ އުސޫލުތައް ވެސް ދޫކޮށްލައި ވަކި ބަޔަކު ފިލްމު ހަދާ ގޮތަށް ފިލްމު ހަދަން އުޅުން. އަނެއްކާ ވައިއާރްއެފްގައި ވަރަށް ހުނަރުވެރި މީހުން ތިބި ނަމަވެސް އެއިން މީހަކަށް އަމިއްލަ މިނިވަންކަމާ އެކީ ފިލްމެއް ޑައިރެކްޓްކުރާނެ ފުރުސަތު ވެސް ނުދިނުން،" އަނޫރާގް ބުންޏެވެ. "ހުރިހާ ކަމެއް މި އޮންނާނީ އަދިތިޔާގެ ކޮންޓްރޯލްގެ ދަށުގައި. އޭނަގެ އަމުރުމައުރޫފަށް ނޫނީ އެއްވެސް މަަސައްކަތެއް ކުރެވޭ ކަމަކަށް ނުވޭ،" އަނޫރާގް ބުންޏެވެ.

ނަމަވެސް މިހާރު މިއީ އެފަދަ ޒަމާނެއް ނޫން ކަމަށާއި ފިލްމު ހަދާ މީހުންނަށް އެ މީހުންގެ ކްރިއޭޓިވިޓީ ނެރުމަށް އަމިއްލަަ މިނިވަންކަމާއި ބާރާ އެކީ ފިލްމުތައް ހެދުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވައިއާރްއެފް ފަދަ ވަސީލަތްތަކާއި ފައިސާ ހުރި ސްޓޫޑިއޯތަކުން ކުރަން ޖެހޭ ކަމަކީ އެތަންތަނާ ގުޅޭ މީހުން ބާރުވެރިކޮށް، އެ މީހުންގެ އުފެއްދުންތެރިކަން ނެރުމަށް ހިތްވަރު ދިނުމެވެ.

ވައިއާރްއެފުން ދެން އެންމެ އަވަހަށް ގެންނަން އޮތް ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައިވާ ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އޭގެ ފަހުން އެޕްރީލް 21 ގައި ސަލްމާން ޚާންގެ "ޓައިގާ 3" ގެނެސްދޭނެ އެވެ.