ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފުވައްމުލައް ސިޓީގައި ތިއްބެވި ސަޕޯޓަރުންނާ ބައްދަލުކުރައްވައިފި އެވެ.

ބުދަ ދުވަހުގެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި ކުރީގެ ޕީޕީއެމްގެ ގިނަ މެމްބަރުންނާއި ޕީއެންއެފްގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުވައްމުލަކަށް ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ފުވައްމުލަކު ރައްޔިތުންނަކީ ވަރަށް ގާތް، ހާއްސަ ބަޔެއް ކަމަށް ވިދާޅުވި އެވެ. ސަޕޯޓަރުން ބަހައްޓަވާ ލޯތްބާއި ގާތްކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

https://www.facebook.com/reel/38117828117864142

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގާނޫނީ ގޮތުން ބަލާއިރު، އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ހަމައެއް ނޯންނާނެ ކަމަށެވެ. އަދި، 2028 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ނިކުތުމުގެ ފުރުސަތު ﷲ ގެ އިރާދަފުޅުން ލިބިވަޑައިގަންނަވާނެ ކަމަށާއި، ވޯޓު ކަރުދާހުން އެމަނިކުފާނުގެ ނަން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ޕީއެންއެފްގެ ހަރަކާތްތައް ރާއްޖޭގެ އަތޮޅުތަކަށް ފުޅާކޮށް، ޕާޓީގެ މެމްބަޝިޕް އިތުރުކުރުމަށް ހިންގަމުން ގެންދާ ކެމްޕޭންގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.