އިނގުރަކީ މާ ގިނަ ބަޔަކަށް ކަމުދާ އެއްޗަކަށް ނުވެ އެވެ. އިނގުރޭ ބުނެފި ނަމަވެސް މޫނު އަނެއް ފަރާތަށް އަނބުރާލާ މީހުން ގިނަވާނެ އެވެ. ނަމަވެސް އިނގުރަކީ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އަދި ގިނަ ބަލިތަކަކަށް ފަރުވާއެއް ވެސްމެ އެވެ. މި ލިޔުމުގައި އިނގުރުފެން ނުވަތަ އިނގުރުސައި ބުއިމުން ލިބޭ ބައެއް ފައިދާތަކަށް ބަލައިލާނަމެވެ.

އަންހެނުންނަށް މައްސަރު ކަންތަކުގެ ތެރޭގައި ވާ ތަދުތަކަށް އިނގުރު ފެނުން ހައްލު ލިބެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިނގުރު ބޭސް ގުޅަ ބޭނުން ކުރުމުން މައްސަރު ދުވަސްވަރުގައި ވާ ތަދު ކުޑަވެ އެވެ. އިނގުރު ފެން ނުވަތަ އިނގުރު ސައި ވެސް މައްސަރު ދުވަސްވަރު ވާ ތަދުތައް ކުޑަކުރުމުގައި އެހީވާނެ އެވެ.

މީގެ އިތުރުން ވަރަށް ގިނަ ޑޮކްޓަރުން ވަނީ ކީމޯތެރަޕީގެ ސަބަބުން ނުވަތަ މާބަނޑުވުމުގެ ސަބަބުން ހޮޑު ލެވޭގޮތް ވާނަމަ އިނގުރު ފެން ނުވަތަ އިނގުރު ސައި ބުނުމަށް އިރުޝާދުދީފަ އެވެ. ސަބަބަކީ އިނގުރަކީ ބަނޑު ހުސްކޮށް ކާއެއްޗެހި ގޮހޮރަށް ދިއުން އަވަސްކޮށްދޭ ބާވަތަކަށްވާތީ އެވެ.

އިނގުރު ސައި ނުވަތަ އިނގުރު ފެން ބުއިމުގެ ސަބަބުން ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތަކުގެ ޝިކާރައަކަށްވާ މިންވަރު ކުޑަވެ އެވެ. އިނގުރަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ހަށިގަނޑުގައިވާ ސެލްތައް ހަލާކުވުމުން ދުރުކޮށްދޭ އެއްޗެކެވެ.

އިނގުރުފެނަކީ ނުވަތަ އިނގުރު އަޅާފައިވާ ބުއިންތަކަކީ ޑީޓޮކްސް ބުއިންތަކުގެ ތެރޭގައި ހިމެނޭ ބުއިން ތަކެކެވެ. އެހެން ކަމުން ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އިނގުރަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ. އިނގުރު ފެނަކީ ސޮފްޓު ޑްރިންކްސްގެ ބަދަލުގައި ބޭނުންކުރެވޭނެ ކެލަރީ މަދު ބުއިމެކެވެ.

މީގެ އިތުރުން އިނގުރަކީ ލެޔާއި ހަކުރުގެ މިންވަރު ހަށިގަނޑުގައި އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ބޭނުން ކުރެވޭނެ ވަރަށް މޮޅު ބުއިމެކެވެ. އެއާއެކު އެއީ އިނގުރު ފެނަކީ ޓައިޕް ޓޫ ޑައިބެޓިކްސް ހުންނަ މީހުންވެސް ބޭނުން ކުރަން ރަނގަޅު ބުއިމެކެވެ.

މިކަންކަމަށް ބަލާއިރު އަނގައަށް ކިތަންމެ ނުބަޔަސް އިނގުރާއި އިނގުރުގެ ބުއިންތަކަށް ނޫނެކޭ ބުނެވޭކަށް ނެތެވެ..