ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު, އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަން އެއްބަސްވެއްޖެ އެވެ.

މިކަން އިތުބާރު ހުރި ފަރާތަކުންވަނީ "ހުރިހާ"އަށް ކަށަވަރު ކޮށްދީފަ އެވެ.

ގަރާރު ނެގުމަށް ރައީސް ނަޝީދު އެއްބަސްވެފައިވާކަން ކަށަވަރުވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ޗެއާޕާސަން ފައްޔާޒުވަނީ ކޮންގްރެސްގެ ހަވާސާގައި ބައްދަލުކުރައްވާފަ އެވެ.

ނަޝީދާއެކު ކުރެއްވި މަޝްވަރާގައި އެއްބަސްވެފައިވަނީ ބަރުލަމާނީ ގަރާރު ނެގުމަށެވެ. ގަރާރާ ގުޅޭ ގޮތުން އިތުރަށް ރައީސްއާއެކު މަޝްވަރާ ކުރުމަށް ގަރާރު ނަގާނެކަން ނަޝީދު އިއުލާން ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދިޔުމަށް މީގެކުރިން ރައީސް އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް, ރައީސް ނަޝީދު ގެންދެވީ އެކަން ގަބޫލު ނުކުރައްވައި އެ ގަރާރަށް ކެމްޕެއިން ކުރައްވަމުންނެވެ. ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައިވެސް ގަރާރުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.