ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ބަރަހަނާ ފޮޓޯތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް އޭނާއާ ސުވާލު ކުރުމަށް ފުލުހަށް ހާޒިރުވާން އެންގުމުން ދެ ހަފްތާގެ މުއްދަތެއް ދޭން އެދެފި އެވެ.

މުމްބާއީ ފުލުހުން ފޮނުވި ނޯޓިސްގައި އޮތީ އެ މައްސަލާގައި ބަޔާން ނެގުމަށް އިއްޔެ ފުލުހަށް ހާޒިރުވުމަށެވެ. ނަމަވެސް މިއަދު ހާޒިރުވެވެން ނެތްކަން ރަންވީރު ވަނީ މުމްބާއީ ފުލުހުންނަށް އަންގައިފަ އެވެ. އަދި އެމުއްދަތު އިތުރުކޮށްދިނުމަށް ވެސް ރަންވީރު ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.

މުމްބާއީ ފުލުހުން މީގެ ކުރިން ބުނެފައިވަނީ ރަންވީރުގެ ބަޔާން ރެކޯޑްކުރާނީ ސޯޝަލް މީޑިއާގައި އޭނާގެ ބަރަހަނާ ފޮޓޯތަކެއް އާންމުކުރި ކަމަށް ބުނެ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްގައި ކަމަށެވެ. ފުލުހުން ރަންވީރު ހާޒިރުކުރަނީ މިމައްސަލާގެ ތަހުގީގަށް ބަޔާން ނެގުމަށެވެ.

މީގެ ކުރިން ރަންވީރަށް ނޯޓިސް ހަވާލުކުރަން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިޔައިރު އޭނާ ގޭގައި ނޫޅޭ ކަމަށްވެ އެވެ. ދެ ހަފްތާގެ މުއްދަތެއް ދޭން އެދުމުން އާ ތާރީހަކާ އެކު އޭނާ އަށް ނޯޓިސް ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރަންވީރު އެ ފޮޓޯތައް ނަގާފައި ވަނީ ނިއު ޔޯކް މެގަޒިނެއް ކަމަށްވާ ޕޭޕާ މެގަޒިން އަށެވެ.

ރަންވީރުގެ ބަރަހަނާ ފޮޓޯޝޫޓް މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ.

އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ އާއި އާންމު ފަރުދަކު ވެސް ރަންވީރުގެ މި ފޮޓޯތަކުގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން އެފޮޓޯތައް ޝާއިރުކުރި މަޖައްލާ ހިފެހެއްޓުމަށް ކޯޓު އަމުރެއް ނެރުމަށް ވަނީ ހުށަހަޅާފަ އެވެ.