އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ހަށިގަނޑު އެންމެ ރީތިކޮށް ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް ބޭނުންވާނޭ މީހެކެވެ. އެހެންނަމަވެސް ބައެއް މީހުންނަށް ސިނގިރޭޓް ބުއިން ނުވަތަ އެނާޖީ ޑްރިންކް ބުއިން ފަދަ ބައެއް ކަންކަމުން ދުރުހެލިވުމަށް ދަތިވާއިރު އަނެއްބައިމީހުންނަށް ދަތިވެފައިވާ ކަންކަމަކީ ކަސްރަތުކުރުމަށް ބޭނުންވާ ވަގުތާއި ހަކަތަ ހޯދުމެވެ.

އެކަމަކުވެސް ގިނަ މީހުންނަށް ނޭނގޭ އެއް ކަމަކީ މި ހުރިހާކަމަކާއި އެއްވަރަށް މުހިންމު އެހެންކަމެއްވެސް ވާކަމެވެ. އެއީ ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމެވެ.

އާފަލު

ދުޅަހެޔޮކޮށް ރަނގަޅު ސިއްހަތެއް ބޭނުންނަމަ އާފަލަކީ ކެއުމުގައި ހިމެނުން ވަރަށް މުހިންމު ކާނާ އެކެވެ. ދުވާލެއްގެ މައްޗަށް ކެވޭ އެންމެ އާފަލަކުންވެސް ހަށިގަނޑަށް އެތައް ގުނައެއް ފައިދާތަކެއްކުރުވާއިރު، ކެއުމުގައި އާފަލު ހިމެނުމުގެ ސަބަބުން ހަށިގަނޑަށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 52ޕަސެންޓް ދަށްކޮށްދޭކަމަށް ދިރާސާތަކުން ވަނީ ދައްކުވައިދީފަ އެވެ.

އާމަންޑްސް

އާމަންޑްސްއަކީ ވެސް ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. ހަށިގަނޑަށް ބޭނުންވާ ފައިބާ، ކެލްސިއަމް، މެގްނީސިއަމް، ވިޓަމިން އީ ނުވަތަ އަޔަން ފޯރުކޮށްދޭ މުހިންމު ކާނާ އެކެވެ. ހުހަށް ނުވަތަ ކެއުމުގައި ނަމަވެސް އާމަންޑްސް ބޭނުންކޮށްލުމަކީ މީހާގެ ކޮލެސްޓްރޯލް ރަނގަޅު މިންވަރެއްގައި ހިފަހައްޓައިދިނުމަށް ކުރެވިދާނެ އެންމެ ރަނގަޅު އެއް ކަމެވެ.

ބްރޮކޮލީ

ތަރުކާރީގެ ބާވަތެއް ކަމުގައިވާ ބްރޮކޮލީ އަކީ ޕޮޓޭސިއަމް، ފޮލޭޓް އަދި ފައިޓޯނިއުޓްރިއެންޓްސް ގިނަ އަދަދަކަށް އޭގައި ހިމެނޭ ވަރަށް ފައިދާހުރި ކާނާއެކެވެ. ބްރޮކޮލީއިން ހިތުގެ ބަލި، ހަކުރު ބަލި އަދި ބައެއް ބާވަތުގެ ކެންސަރު ޖެހުމަށް ވެސް ފުރުސަތު ކުޑަކޮށްދޭއިރު، ބްރޮކޮލީ ގިނަ ގިނައިން ކެއުމުގައި ހިމަނާ ވަރަކަށް އާދައިގެ ރޯގާތަކާއި ބަލިމަޑުކަމުންވެސް ދުރުކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކުވައިދީފައިވެ އެވެ.

ބްލޫބެރީ

ދެން އޮތް މުހިންމު ބާވަތަކީ ބްލޫބެރީއެވެ. މިއީ ގިނަ އަދަދަކަށް އެންތޮސިޔަނިންސް ނަމަކަށް ކިޔާ މާއްދާއެއް އެ މޭވާގައި ހިމެނޭ އެއްޗެކެވެ. މި މާއްދާގެ ސަބަބުން ޕާކިންސަންސް ބަލި ފަދަ ނުރައްކާތެރި ބައެއް ބަލިތަކަށް ފަރުވާ ހޯދަދޭކަމަށް ބޮޑެތި ދިރާސާތަކުން ހޯދިފައިވާއިރު ނާރުގެ ބައެއް މައްސަލަތަކަށްވެސް ބްލޫބެރީސް އަކީ ވަރަށް މުހިންމު ކާނާ އެކެވެ.