ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ އެ މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް އަފްރާހް މީޑިއާތަކަށް ދިން މައުލޫމާތު އެ މިނިސްޓްރީން ދޮގުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް އަފްރާހު މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭ ގޮތް ހަދަން އެންގީ ބައެއް މިސްކިތްތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެންގުން އެންގީ އެ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުންނަ ގެތަކުގެ މީހުންގެ ޝަކުވާ އަންނަ މިސްކިތްތަކުގެ އިމާމުންނަށް އެކަނި ކަމަށެވެ.

އެ ވާހަކަ ދޮގުކޮށް މިރޭ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހެދުމަކީ އެ މިނިސްޓްރީން އެއްވެސް އިރެއްގައި ގެންގުޅު ވިސްނުމެއް ނޫން ކަމަށެވެ.

އެ ބަޔާނުގައި ވަނީ މީގެ ކުރީން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން މިސްކިތްތަކުގައި މިހާރު ވެސް ހުންނާނީ ނަމާދުކުރާ އަޑު ބޭރަށް އިވޭގޮތަށް ކަމަށެވެ.ނަމަވެސް އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ފެނުނު ކަމަށެވެ.

އެހެންވެ އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އިރުޝާދު ދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެޏެވެ.

މިނިސްޓްރީގެ ތަރުޖަމާނާ ހަވާލަދީ ނޫސްތަކުގައި އެ ވާހަކަ ރިޕޯޓް ކުރިޔަސް އެ މިނިސްޓްރީއަށް ގޯސްވީ އެ ވާހަކަ ރިޕޯޓް ކުރި ނޫސްތަކެވެ.